ކޮޗިން ފެރީ

ކޮޗިން ފެރީން ހަތިޔާރު އެތެރެކުރިކަމުގެ ތުހުމަތު

ކޮޗިން ފެރީން ހަތިޔާރު އެތެރެ ކުރިކަމުގެ ތުހުމަތު މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ކުރައްވައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝުޖާއު މިފަދަ ތުހުމަތުތަކެއް ކުރެއްވީ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގަ އެވެ. އޭނާ ވިދާޅުވީ އިންޑިއާގެ ކޮޗިން ފެރީގެ ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު މަންފާއެއް ލިބޭނެ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް މިއީ ރާއްޖެ އަޅުވެތި ކުރުމުގެ ކޮޅުމަތި ކަމަށް އޭރު ވެސް ޕީޕީއެމްއިން ބުނި ކަމަށެވެ. އަދި ވިދާޅުވީ ކޮޗިން ފެރީން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް ކަމަށާއި ރާއްޖެ ގެނައީ ހަތިޔާރު ކަމަށެވެ.

"އެތެރެ ކުރީ ހަތިޔާރު، ހަނިމާދޫއަށް އިންޑިއާ ސިފައިން. އަޅުގަނޑުމެން ދެންނެވިން ހަނިމާދޫގެ ރައްޔިތުން ކައިރީ ހަނިމާދޫއަކީ މިވަގުތު އައިސް އިންޑިއާ ސިފައިން 32،000 ޑޮލަރުން، 15،000 ޑޮލަރުންގެ ގަންނަނީ، އޭގެ ތެރޭގައި އެބައޮތޭ ނުރައްކަލެއް، ވިސްނާށޭ" ޝުޖާއު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕީޕީއެމް / ޕީއެންސީން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ އެ ހަރަކާތަކީ އެއްގޮތަކަށް ވެސް އިންޑިއާގެ ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. "އިންޑިއާ އައުޓް" ކިޔަނީ "އިންޑިއާ މިލިޓަރީ އައުޓް" ދިގުކޮށް ނުކިޔާން ވެގެން ކަމަށެވެ. އިންޑިއާ ސިފައިން ބާލަން ހިންގާ ހަރަކާތާ އިންޑިއާ ޓީޗަރުން ދެކޮޅު ހަދާނަމަ ބުނާނެ އެއްޗެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.