ވާހަކަ

ހިތް ރުއްސާނުތޯ

( 16 ޖަނަވަރީ 2022 އާ ގުޅޭ )

ތުނބުޅީގައި ކަނާއަތްތިލަ ހިންގާލުމާއެކު ނަމާދުކުރާ ބައިގެ ކުރިމަތީ ދެކޮޅަށް ޒެހެން ހިނގާލަހިނގާލާ ހުއްޓެވެ. ހޫރައިން ނުކުންނާނޭ އިރަކަށެވެ. އެހެންނަމަވެސް އޭނާއަށް އަތުކުރީ އޮތް ގަޑިއަށް ބެލެއެވެ. ނަގައިދޭން ޖެހޭ ކުލާސްތައް ނުނިމޭތީއެވެ.

"ކީއްވީބާ... ހޫރް..." ޒެހެންއަށް އަމިއްލައަށް އެތައް ސުވާލެއް ކުރެވެންފެށުނެވެ.

ފައި ކުރުކޮށްލައިގެން ފާރުގައި ލެނގިލައިގެން ކާޕެޓުމަތީ ހޫރައިން އިނެވެ. ބާރަށް ތެޅެމުންދިޔަ އޭނާގެ ހިތް ހަމައަކަށް އެޅިއްޖެއެވެ. ރުއިން ހުއްޓި ދެ ލޮލުން ކަރުނަ ހިކިއްޖެއެވެ. ހަށިފުރާ ފިނިނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ. އޭނާ އަދިވެސް އިނީ އަންހެނުން ނަމާދުކުރަން ޚާއްޞާކޮށްފައި ހުރި ބައިގައެވެ. އެތެރެއަށް މީހަކު ވަނިއްޔާ ނޫނީ ނުފެންނާނޭ ހިސާބުގައެވެ. އެގޮތަށް އިންނަތާ ގަޑިއިރު ތަކެއް ވެދާނެއެވެ. ވެހޭ ވާރޭގައި އޭނާ ކުރަންޖެހޭ މަސައްކަތް ނުކުރެވޭނެކަން އެނގޭއިރު ދެން ކުރަންޖެހޭ އިތުރު މަސައްކަތެއް ވެސް ނެތެވެ. ގަޑި ހަމަވުމުން އެނބުރި ގެއަށްދާންވީއެވެ. އަނެއްކާވެސް ހޫރައިން ފުންނޭވާއެއް ލައިފިއެވެ. މަޑުމަޑުން އޭނާ ތެދުވީއެވެ. އަޞުރު ނަމާދަށް ބަންގި ގޮވި އަޑު އޭނާ އެއްސެވެ. އޭގެ ފަހުން ވަގުތުކޮޅެއް ފާއިތުވެގެން ދިޔައިރު އަދިވެސް އޭނާއަށް އެ އިނދެވެނީ ނެގިމަޑުވެފައެވެ. ފިކުރުތަކާއި ހާސްކަމުގެ ތެރެއިން ނަމާދު ދޫކޮށްލައިފިނަމަ ހޫރައިންއަށް ދެ ދުނިޔޭގައި ވެސް ކާމިޔާބީއެއްނެތްކަން ޟަމީރު ވިސްނައިދިނެވެ. ހިތްވަރުކޮށްފައި ތެދުވީ އެހެންވެއެވެ. ހިތްހަމަޖެހުމާއި ފިނިކަން ނަމާދުން ޙާޞިލުވާނޭކަން ޔަގީންވެ ހުރެއެވެ.

ހޫރައިން ނަމާދަށް ހުއްޓާ އިތުރު އަންހެނުން ތަކެއް ވެސް އެތަނަށް ވަނެވެ. ހޫރައިން ނަމާދަށް ހުރިތަން ފެނުމުން އެމީހުން އަވަހަށް އަޑުމަޑު ކުރިއެވެ. ނަމާދުން އަވަދިވުމާއެކު ހޫރައިން ދެން ވެސް މަޑުކުރީއެވެ. ހަވީރުގެ ޒިކުރުތައް ކިޔުމުގަ އިންދާ ފޯނު ރިންގުވާންފެށިއެވެ. ނަމާދަށް އަރާ ބަޔަކު ތިބީތީ ހާސްކަމާއެކު ތެޅިގަނެފައި އަވަހަށް އަތްދަބަހުން ހޫރައިން ފޯނުނެގިއެވެ. ބަލާލުމެއް ނެތި ކަންފަތުގައި ފޯނު ޖައްސާލުމާއެކު ސިއްރުން ހެލޯއޭ ބުނެލިއެވެ.

"ކޮންތާކު؟." ހޫރައިންގެ ކަންފަތުގައި ޖެހުނީ ހަސީނާގެ އަޑެވެ. ގިނަ ވާހަކަތަކެއް ހަސީނާ ނުދެއްކީ ނަމާދުކުރާ ބައިގަ ހޫރައިން އިންކަން ބުނީމައެވެ.

ޒެހެން ފޮނުވާފައި އޮތް މެސެޖު ހޫރައިންއަށް ފެނުނީ ހަސީނާގެ ކޯލު ކަނޑާލީމައެވެ. ފޯނަށް ބަލަހައްޓައިގެން ހޫރައިންއަށް އިނދެވުނީއެވެ. އެ މެސެޖު ހުޅުވުމާ ދޭތެރޭ ޔަގީންނުވެފައެވެ. އެގޮތުގައި ވަގުތުކޮޅެއް ވުމަށްފަހު ހޫރައިން ފޯނު ގެނެސް އަތްދަބަހުގެ ތެރެއަށް ލީއެވެ. އޭގެ އިރުކޮޅެއް ފަހުން އެތަނަށް ހަސީނާ އައިސް ވަދެއްޖެއެވެ.

ގެއަށް ވަދެވުމާއެކު ހޫރައިން އައިސް ކޮޓަރިއަށް ވަނެވެ. ހެނދުން ބަދަލުކޮށްލިއެވެ. ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އިސްތަށިގަނޑުގައި ޖަހާފައި ހުރި ހުޅި ނައްޓާލިއެވެ. ދެން އައިސް އޭނާ އެނދުގައި އޮށޯންނަން އުޅުނެވެ. ކޮޓަރީ ދޮރުގައި ޓަކި ދިނީ އެވަގުތެވެ. ޓަކިޖެހި ގޮތުން އެއީ ޔޫކްކަން ހޫރައިންއަށް އެނގުނެވެ.

"މަންމަ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ." ޔޫކް ކޮޓަރިއަށް ވަނުމުން ދޮރު ލައްޕާލާފައި ހޫރައިން ބުނެލިއެވެ.

"މާމަ ކައިރީ ބުނަންތަ؟. މާމަ އަތުގަ ހުންނާނެ ބޭސް." ޔޫކް ބުނެލިއެވެ.

"އިރުކޮޅަކު އޮށޯވެލައިގެން އޮތީމަ ރަނގަޅުވެދާނެ." ހޫރައިން ބުނެލިއެވެ. އަދި އައިސް އެނދުގައި އޭނާ އޮށޯވެލިއެވެ. އެހިނދު ޔޫކް ވެސް އައިސް އެނދަށް އެރިއެވެ. މަންމަގެ ބޯކޮޅުގައި ދެފައިވައްކޮށްލައިގެން އިށީނެވެ. ދެން މަޑުމަޑުން މަންމަގެ ނިތްކުރީގައި އޭނާ ފިރުމައިދޭން ފެށިއެވެ.

"ހޫރައިން... ހޫރައިން... ނަމާދަށް ގޮވައިފި." ލޯ ހުޅުވާލި ހޫރައިންގެ ކައިރީ ހުރީ ސުމައްޔާއެވެ. އޭނާ އެނދުގައި ޖައްސާލީ ނިދާކަށް ނޫނެވެ. އިރުއޮއްސޭ ވަގުތަކީ އޭނާ ނިދާ ގަޑިއެއް ވެސް ނޫނެވެ. ހީވީ ލޯ މަރާލެވުމާއެކު ލޯ ހުޅުވާލަން ޖެހުނު ހެންނެވެ. މިއަދަކީ އެހެން ދުވަސްތައް ފަދަ ދުވަހެއްނޫންކަން ހޫރައިންއަށް އެނގެއެވެ. އޭނާ އެހާބޮޑަށް ވަރުބަލިވެފައިވަނީ އެހެންވެއެވެ. ގާތުގައި އޭނާގެ ކައިރީ ޔޫކަށް ވެސް އޮތީ ނިދިފައެވެ.

"ތެދުވެ ނަމާދުކޮށްލައިގެން އާދޭ... ހޫނު ކޮފީތަށްޓެއް މަންމަ ހަދާފަ ބަހައްޓާނަން. އެ ދަރިވެސް ނަގާ. މާފިނި ދުވަހެއްވީމަ ފިނި ހިފާފަ ތިތިބީ. ދެން ތެދުވޭ ހޫރް." ސުމައްޔާ ބުނެލިއެވެ.

މަންމަ އެދުނު ފަދައިން ހޫރައިން ކަންތައް ކުރިއެވެ. މަޣްރިބު ކޮށްލައިގެން އޭނާ ނުކުތްއިރު ކާމޭޒުމަތީ މަތި ޖަހާފައި ޖޯޑު ހުއްޓެވެ. ހޫރައިން އައިސް މަތިގަނޑު ހިއްލާލުމާއެކު ބަންދުވެފައި ހުރި އާވިތައް އަރައިގަތީ ކޮފީގެ ވަސް ފަތުރަމުންނެވެ. ޖޯޑު ހިފައިގެން ހޫރައިންއަށް އައިސް މަޑުކޮށްލެވުނީ ކުޑަދޮރުތައް ކައިރީގައެވެ. ރޭގައި ނުކުމެ ހުރެވުނު ތަނުގައެވެ. ފަސްގަނޑު ޗަކަވެފައި އޮތްއިރު ދޮރޯށި ހުރި ދިމާއަށް ކޯރު ކަނޑާފައިވާތީ ހޫރައިންއަށް ފެނުނެވެ. ވާރޭގެ ސަބަބުން ގޯތިތެރޭ ފެންބޮޑުވާނަމަ މަންމަ އެފަދައިން ކަންތައް ކުރާތީ ހޫރައިންއަށް ފެނެއެވެ. މަޑުމަޑުން އިސްއުފުލައި އުޑުމައްޗަށް އޭނާ ބަލާލިއެވެ.

"ޒެހެން..." ހިތުގެ ދުލުން ހޫރައިންއަށް އެ ނަން ކިޔާލެވުނެވެ.

ރަހުމާ ކީ އެއްޗިއްސާ މެދު ހޫރައިންއަށް ވިސްނެން ފެށުނެވެ. ރަހުމާއާ އިންނަން ހަމަޖެހިފައި އޮތްވާ ހޫރައިންގެ ގާތުން ކައިވެންޏަށް ޒެހެން އެދުނީ ކީއްވެބާއޭ ސުވާލު އުފެދުނެވެ. އަދި ރަހުމާ ކުރި ތުހުމަތުތައް ހަގީގަތަކަށް ނުވިޔަސް އޭނާއަށް އެހެން އެވީ ކީއްވެކަން ހޫރައިންއަށް ވިސްނާލެވުނެވެ. މިކަމުގައި ގޯހީ ޒެހެންބާއެވެ. ނޫނީ ހޫރައިންއަށް ވިސްނިގެން އުޅޭ ގޮތް ގޯހީބާއެވެ. ޒެހެންގެ އާއިލާގަ ހުންނަނީ އޭނާގެ މަންމަ އެކަނިކަން ވަނީ ބުނެފައެވެ. ދެން އެހެންވީރު ރަހުމާ އެ ދެއްކީ ކޮން އާއިލާއެއްގެ ވާހަކަ ހެއްޔެވެ. ޒެހެންގެ އާއިލާ މީހުން އޭނާ ބަލައިނުގަންނާނޭ ކަމުގެ އިޝާރާތެއް ޒެހެން ކޮށްފައެއް ވެސް ނެތެވެ. މަންމައާ ދެމެދު ވާހަކަ ދެކެވުނުކަމާއި ޒެހެންއަށް ހޫރައިން ކަމުދާކަމާއި ކައިވެނި ކުރާން ބޭނުންވާކަން ވެސް އޮތީ ހާމަކޮށްފައިކަން ހޫރައިން ހަނދާން އެބަހުއްޓެވެ. ޒެހެންގެ ކޮންމެ ވާހަކައެއް އޭނާ ހަނދާން އެބަހުއްޓެވެ. މަޑު އާހެއް ހޫރައިންގެ ދެ ތުންފަތުން ނުކުތެވެ. އެއް އަތުން ކޮފީ ޖޯޑު ހިފަހައްޓާލަމުން އަނެއް އަތުން ނިތްކުރީގައި ހިފަހައްޓާލެވުނެވެ.

"ބޮލުގަ ރިއްސަނީތަ؟." ޔޫކް ގޮވައިގެން އައި ސުމައްޔާއަށް ހޫރައިން ހުރި ގޮތް ފެނި އަހާލިއެވެ.

ސޯފާގައި ސުމައްޔާ އައިސް އިށީނެވެ. ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔަވަން އެހެންޏާ އޭނާ އިންނަނީ ކޮޓަރީގައެވެ. އޭނާ އެ ނުކުތީ ހޫރައިން ހޯދަމުންނެވެ. ދަރިފުޅު އައިސް އޭނާގެ ކައިރީ ސޯފާގައި އިށީނެވެ. ކަމަކާ މާޔޫސްވެފައި އިންފަދަ ފުންނޭވާއެއް ހޫރައިން ދޫކޮށްލިއެވެ.

"މަންމާ... ކަންތައްތައް މުޅީން ބަދަލުވެ އަހަންނަށް އޮޅިއްޖެ. ކައިވެނި ކުރުން މުހިންމެއް ނޫނޭ ވެސް ހިތައް އަރަނީ." ދެއަތްތިލައިގެ ތެރޭ ކޮފީޖޯޑު ހިފަހައްޓާލައިގެން އިސް އޮބާލައިގެން އިނދެ ހޫރައިން ވާހަކަދެއްކިއެވެ.

"މަންމަ ކިޔާދިންހެން ނަމާދު ކުރީންތަ؟. ﷲއަށް ދުޢާ ކުރީންތަ؟." ސުމައްޔާ އަހާލިއެވެ. ހޫރައިން ބޯޖަހާލިއެވެ.

"ކިހިނެއްކަމެއް މިވަނީ ނޭނގެ. މަންމަ ބުނީމެންނު އެކަމެއްގައި ހެޔޮކަމެއްވާނަމަ އެ ނަމާދަށްފަހު ﷲ އެކަމަކަށް ކަންކަން ފަސޭހަކޮށްދެއްވާނެއޭ." ހޫރައިންގެ އަޑުގައި ސުމައްޔާ އެދޭފަދަ ސާބިތުކަމެއް ނެތެވެ.

"ހޫމް!... މަންމަ ބުނިން ތިހެން. ހެޔޮގޮތެއް ކަމުގައިވާނަމަ ﷲ ކަންތައްތައް ފަސޭހަކޮށްދެއްވާނެ. އަދި އެކަމުގައި ބަރަކާތް ލައްވާނެ. މި ނޫންގޮތުގައިވެއްޖެހިނދު، އެކަމަކުން އެއްކިބާ ކުރައްވާނެ. އަދި އެއިލާހުގެ އިޛުނަފުޅުން އެންމެ ހެޔޮވެގެންވާ ގޮތް ފަސޭހަކޮށްދެއްވާނެ. ހޫރް. ދަރިފުޅަށް ޔަގީން ނުވަނީތަ؟. އެހެންވެއްޖެނަމަ އެ ޔަގީންކަން ދެއްވުމަށް އަނެއްކާ ވެސް ދަންނަވާ. އަލުން އިސްތިޚާރާ ކުރޭ. ހިތް ސާބިތު ކުރޭ. ވެދާނޭ ގޮތަކާމެދު ކުރާ ފިކުރުތަކާ، ތިގަންނަ ބިރާ ދުރުވެ ﷲގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލާ. އެއީ އަލް ޚާލިޤް... ނެތުމުގެ ތެރެއިން އުފައްދަވާ ރަސްކަލާނގެ. ދާންވީ ރާސްތާ މިވަގުތު ތި ދެ ލޮލަށް ނުފެނުނަސް ﷲ ދަރިފުޅަށް މަގެއް ދައްކަވާނެކަން ޔަގީން. އެ ޔަގީންކަން ހޫރްގެ ހިތުގައި ބާއްވާ."

ސުމައްޔާގެ އެންމެ ބޮޑު އިމްތިހާނެއްކަމުގައި ވީ އޭނާގެ ދަރިފުޅު ހޫރައިންނެވެ. ﷲ އަށް ޓަކައި އޭނާ އެ ދަރިފުޅު ސާބިތު ކުރާން މަސައްކަތް ކުރެއެވެ. ހިތްވަރުއެލި މާޔޫސްވާ ވަގުތު އޭނާ ހިތްވަރު ހޯދީ އޭނާ އުފެއްދެވި ރަސްކަލާނގެ ހަޒްރަތުންނެވެ. އެކަލާނގެ ހަޒްރަތުން ވާތްގަށް އެދި ދެންނެވުން އޭނާ ހުއްޓާނުލައެވެ. އަޖައިބު ކުރުވަނިވި ގޮތްގޮތުން އޭނާގެ އެދުންތައް ﷲ ހިއްމަވާދެއްވާތީ ދުށްޓެވެ. ގައިމުވެސް ދަތިކަމަށްފަހު ފަސޭހަކަންވާކަން އެކަލާނގެވަނީ އަންގަވާފައެވެ.

* * * * *

ދެ ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ރާއްޖޭ ސަރަހައްދަށް ކުރާ ވިއްސާރައަކީ އަވަށްޓެރި ޤައުމެއްގެ މަތީ އުފެދިގެން އުޅޭ ތޫފާނީ ވިލާގަނޑެކެވެ. މާލޭގެ ބޭރުގެ މަގުތައްވަނީ ފެނު އަޑީގައެވެ. ކިރިޔާ ވެސް ފެނުގެ އަސަރު ކުޑައީ އެތެރޭގެ މަގުތަކުގައެވެ.

ބަދިގޭ ސިންކު ދޮށުގައި ތަށި ދޮންނަން ހޫރައިން ހުއްޓެވެ. އެކަން ނިންމާފައި އޭނާ ދެއަތް ފުހެ އަތަށް އަންގިލައްވާލިއެވެ. ފެން ކާމޭޒުމަތީ އޮތް ވޮލެޓު ނަގައިގެން ހިނގައިގަތީ ފިހާރަށް ދާންޖެހިފައި ހުރީމައެވެ. މަންމަގެ ކޮޓަރީގައި ޔޫކްވީ ގަޑިއެއްގައި އަވަހަށް ނުކުންނަން ހޫރައިން ގަސްދުކުރީ އެހެންނޫނީ އެކުއްޖާ އޭނާ ފަހަތުން އަޅުވާލާނޭކަން އެނގޭތީއެވެ. ކެރިކަނޑައިގެން ނުދިޔަޔަސް ގޭ ކުރިމަތީ ހުރި ފިހާރައާ ހަމައަށް ނުތެމި ދެވޭނެކަމުގެ ޔަގީންކަން ހޫރައިންގެ އޮތެވެ. ދޮރޯށި ހުޅުވާލާފައި ނުކުންނަން އުޅުނު ހޫރައިން ކުއްލިއަކަށް އެނބުރި ގޭތެރެއަށް ވަނެވެ. ދޮރޯށި ލައްޕަން އުޅެފައި ހަރަކާތްތައް މަޑުޖެހުނެވެ. ދެން ސިއްރުން ކުޑަކޮށް ދޮރޯށި ހުޅުވައިގެން ހުރެ އޭނާ ބަލަން ފެށިއެވެ. ފިހާރައިގެ ތެރެއިން ފެނުނު ދެ މީހުން މަގުމައްޗަށް ނުކުތުމުން އެމީހުން އެކަކުއަނެކަކާ މުޚާޠަބުކުރި ގޮތް ހޫރައިންއަށް އިވުނެވެ. ލުއި ހިނިތުންވުމެއް ހޫރައިންގެ ތުންފަތަށް ވެރިވީ އިޚްތިޔާރަކާ ނުލައެވެ. އެހެންނަމަވެސް އެ ހިނިތުންވުން ދާދި އަވަހަށް ފަނޑުވެއްޖެއެވެ.

ފިހާރައަށް ހޫރައިން ގޮސް ވަނީ އެމީހުން ނުކުމެގެން ދިޔައީމައެވެ. ވިޔަފާރިކޮށްގެން ގެއަށް އައިސް ކާމޭޒުމަތީ ކޮތަޅުތައް ބެހެއްޓިއެވެ. މަންމަގެ ކައިރީ އެތަކެތި ލައިދޭން ބުނެފައި ހޫރައިން އައީ ކޮޓަރިއަށެވެ. މަސައްކަތައް ދާންޖެހޭ ގަޑި ކައިރިވާތީއެވެ.

ޚިޔާލަކަށް ގެއްލި ހުރެ އޭނާ ތައްޔާރުވާން ފެށިއެވެ. ރަހުމާ އެއްޗެހިކީ ފަހުން ހޫރައިންގެ ކުރިމައްޗަކަށް އޭނާ ނާދެއެވެ. ޒެހެންއަށް ހޫރައިން ރޮވިފައި ހުއްޓާ ފެނުނީތީ އުޅެނީ ކަންބޮޑުވެގެންނެވެ. ހޫރައިން އޭނާއަށް ބައްދަލުކުރާނޭ ފުރުސަތެއް ނުދޭތީ އެކަމާ ވެސް ސުވާލު އުފެދިފައެވެ. މަންމައާއި ދަރިފުޅުގެ ހާލު ރަނގަޅުތޯ ޒެހެން އަހައި މެސެޖު ކުރެއެވެ. ކުރީން ވެސް އޭނާގެ އެއްވެސް މެސެޖަކަށް ހޫރައިން ޖަވާބު ނުދޭތީ މިފަހަރު ވެސް އޭނާ ކަންތައް ކުރީ އެފަދައިންނެވެ.

"އައި ޓްރަސްޓް ﷲ... އައި ޓްރަސްޓް ހިމް ކޮމްޕްލީޓްލީ..." ޚިޔާލުތައް ގިނަވާން ފެށުމުން ހޫރައިން އަމިއްލަ ނަފްސަށް ބުނެލިއެވެ.

ގެއިން ނުކުންނަން ހޫރައިން ހިނގައިގަތީ އެހެން ދުވަސް ދުވަހަށްވުރެ ކުރީންނެވެ. ދޮރޯށި ލައްޕާލައި އަތުގައި އޮތް ކުޑަ ހުޅުވާލިއެވެ. އޭނާ އެހެރީ ގޮތެއްގައެވެ. މިއަދު އޭނާ ޒެހެންއާ ވާހަކަދައްކާނެއެވެ. އޮޅުވާލާނަމަ އެކަން ކޮންމެވެސް ގޮތަކުން އެނގޭނެއެވެ. (ނުނިމޭ)