ޗެލްސީގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފައިވާތީވެ މިސީޒަން ނިމެންދެން ވަގުތީ ކޯޗެއްގެ ގޮތުން އެ ކުލަބާ ދެ ވަނަ ފަހަރަށް ހަވާލުވާނީ ހޮލެންޑްގެ ގުސް ހިޑިންކް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
ހޮލެންޑްގެ ގައުމީ ޓީމަށް ވެސް ތިން ފަހަރެއްގެ މަތީން ކޯޗުކޮށްދިން ހިޑިންކަކީ ޗެލްސީގެ ވެރިޔާ ރަޝިޔާގެ ރޯމަން އަބްރޮމޮވިޗާ ވަރަށް ގާތް ގުޅުމެއް އޮންނަ ކޯޗެވެ.
އޭނާ ވަނީ 2009 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ އެކުލަބަށް އެފްއޭކަޕް ކާމިޔާބުކޮށްދިން ކޯޗެވެ. އޭނާ އެ ފަހަރު ޓީމާ ހަވާލުވީ ކޯޗުކަމުން ބްރެޒިލްގެ ލުއިސް ފިލިޕޭ ސްކޮލާރީ މަގާމުން ވަކިކުރުމުންނެވެ.
އޭނާ އެންމެ ފަހުން ހުރީ ވެސް ހޮލެންޑްގެ ގައުމީ ކޯޗުކަމުގަ އެވެ. ނަމަވެސް ނަތީޖާތައް ގޯސްވުމުން މި އަހަރު ކުރީކޮޅު އޭނާ ވަނީ މަގާމު ދޫކޮށްލައިފަ އެވެ. ހިޑިންނަކީ އޮސްޓްރޭލިޔާ ވޯލްޑް ކަޕް ދެ ވަނަ ބުރަށް އަދި ދެކުނު ކޮރެޔާ އާއި ހޮލެންޑް ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗެވެ.
ހިޑިންކް ޗެލްސީއާ ހަވާލުވާއިރު އެކުލަބު އޮތީ ތާވަލުގެ 16 ވަނާގަ އެވެ. އިނގިރޭސި ލީގުގައި ލެސްޓާ ސިޓީ އަތުން ބަލިވެ ތާވަލުގެ 16 ވަނަ އަށް ޗެލްސީ ވެއްޓުމުންނެވެ. މި ސީޒަނުގައި މިހާތަނަށް ޗެލްސީ 16 މެޗު ކުޅެފައިވާއިރު ނުވަ މެޗުން ބަލިވެ ލިބިފައިވަނީ 15 ޕޮއިންޓެވެ.
މޮރީނިއޯ މަގާމުން ވަކިކުރީ ނަތީޖާތައް ގޯސްވުމުން ކުލަބުގެ ބޯޑުގެ އެމަޖެންސީ މީޓިންއެއްގަ އެވެ. މި މީޓިންގައި މޮރީނިއާ ވެސް ފަހުން ބައިވެރިކުރި އެވެ. އަދި ދެ ފަރާތް އެއްބަސްވެ ނިންމީ މި ސީޒަން ނިމެންދެން މޮރީނިއޯ އަށް މުސާރަ ދިނުމަށެވެ.
ނަމަވެސް ކޮންޓްރެކްޓް ބުނާގޮތުން މޮރީނިއޯ މަގާމުން ވަކިކުރަން ޗެލްސީން ނިންމައިފިނަމަ އޭނާ އަށް ބަދަލެއްގެ ގޮތުން 40 މިލިއަން ޕައުންޑް ދޭންޖެހެ އެވެ.