ޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރު: ހުކުމް ކުރުން މާދަމާ

Jan 18, 2022

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް މާދަމާ ހުކުމް ކުރަން ހަމަޖައްސައިފި އެވެ.

ހުކުމް ކުރުމުގެ މަޖިލިސް ފެށުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ދައުވާ ލިބޭ މީހުންގެ ކުށް ސާބިތުވެއްޖެނަމަ މަރުގެ ހުކުމް އިއްވާނެ އެވެ. ނަމަވެސް އެއްވެސް ވާރިސަކު މަރަށް މަރު ހިފަން ދެކޮޅު ހަދައިފިނަމަ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ނިންމަން މީގެކުރިން ވެސް ދެ ފަހަރަކަށް ތާވަލެއް ކަނޑައެޅި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ދޭތެރެއަކުން ބަދަލުވާތީ އެ ތާވަލާ އެއްގޮތަށް މައްސަލަ ނިމިފައެއް ނުވެ އެވެ.

ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.