ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިިފި އެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނީ ބޯޓުގެ ކެޕްޓަނުން ތިބޭ ކޮކްޕިޓްގަ އެވެ. ރޯވެފައި ހުރި އަލިފާންގަނޑު ޕައިލެޓުންނަށް ފެނުމާއެކު ނިއްވާލީ އެ މީހުން އަމިއްލަ އަށް ކަމަށްވެސް އެނގިފައިވެ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ނައްޓާލަން ތައްޔާރުވެ ރަންވޭ މަތީގައި އޮތް އެ ކުންފުނީގެ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގާފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން ކޮކްޕިޓްގެ ބިއްލޫރިގަނޑުގައި ރެނދުލާފައިވާ ކަމަށާއި ހާދިސާއާއި ގުޅިގެން ބޯޓުގައި ތިބި ހުރިހާ ޕަސެންޖަރުން ސަލާމަތްތެރިކަމާ އެކު ބޯޓުން ބޭލުނު ކަމަށްވެސް ވިދާޅުވި އެވެ.
"ހާދިސާ ހިނގުމާ އެކު ވަގުތުން ފަޔަ އެންޑް ރެސްކިއު ޓީމު ވަނީ ބޯޓަށް އަރާފައި. އަޅުގަނޑުމެން މިދަނީ މިހާދިސާ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ބޯޓުގެ ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ބޯޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ވަގުތު ބޯޓުގައި ތިބި އެއްވެސް ޕަސެންޖަރަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ހަނިމަދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު އަވަސް އަށް ވިދާޅުވީ ބޯޓުގައި އަލިފާނުގެ ހާދިސާގައި ހިނގި ވަގުތު ކޮންމެވެސް ވަރަކަށް ފަތުރުވެރިން ވެސް ތިބި ކަމަށެވެ. އޭނާ މައުލޫމާތު ދެއްވި ގޮތުގައި ބޯޓު ނައްޓާލަން ތައްޔާރުވީ މާލެއަށް ފުުރުމަށެވެ. ހާދިސާ ހިނގާފައިވަނީ މިރޭ 8:00 ޖަހަން އުޅެނިކޮށް ކަމަށްވެސް ފިރާގު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"މިހާރު މާލެ އިން އިތުރު ބޯޓެއް ގެނެސްގެން ޕަސެންޖަރުން މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ،" ފިރާގު ވިދާޅުވި އެވެ.
ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ޕަސެންޖަރުން ތިބި އަދަދެއް ވެސް އަދި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ސާފުވާ ގޮތެއް ނުވެ އެވެ.