އަދާލަތު ޕާޓީ

މޫނު ބުރުގާ އެޅި ޓީޗަރުން ތަފާތު ނުކުރަން އެދިއްޖެ

Jan 18, 2022

މޫނު ބުރުގާ އަޅައިގެން އުޅޭ ޓީޗަރުންނާ މެދު ތަފާތުކުރުން ނުގެންގުޅުމަށް އަދާލަތު ޕާޓީން އެދިއްޖެ އެވެ.

އަދާލަތު ޕާޓީން އެކަމަށް އެދިފައިވަނީ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގަ އެވެ.

އަދާލަތުގެ ސިޓީގައި ބުނެފައިވަނީ ހެދުން އަޅަންޖެހޭނީ އިސްލާމީ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުންނަށް ވެސް ހިދުމަތް ކުރުމަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

ސޓީގައި ވަނީ މީހަކު މޫނު ބުރުގާ އެޅުމަކީ އެމީހެއްގެ ގާބިލް ކަމަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރައްވާފަ އެވެ.

މޫނު ބުރުގާ އެޅި ޓީޗަރުންގެ މޫނު ތުއްތު ކުދިންނަށް ފެންނަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނާނަމަ އެފަދަ މާހައުލެއް ގާއިމުކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. މިނިސްޓްރީ އަށް އެކަން ނުވުމަކީ މޫނު ބުރުގާ އަޅާ ޓީޗަރުންގެ ހައްގު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މޫނު ބުރުގާ އެޅުމާއި ތުނބުޅި ބަހައްޓައިގެން ހިދުމަތް ކުރާ މުވައްޒަފުންނާ މެދު ތަފާތު ނުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށްވެސް ހަނދާންކޮށްދީފައިވެ އެވެ.

މޫނު ބުރުގާ އަޅައިގެން އުޅޭ ޓީޗަރުންނާ މެދު ތަފާތުކުރެވޭ ގޮތަށް ހުރި ސިޔާސަތުތައް މުރާޖައާކޮށްދިނުމަށްފަހު އެފަދަ ޓީޗަރުންނާ މެދު އެޑިޔުކޭޝަން މިނިސްޓްރީން އަމަލުކުރާ ގޮތެއް އަންގައިދިނުމަށްވެސް ސިޓީގައި އެދިފައިވެ އެވެ.

ކިޔަވައިދޭ ގަޑީގައި ކުލާސްރޫމުގައި މޫނު ނެގުމަށް ބައެއް ސްކޫލުތަކުން އަންގާ ކަމަށް ބުނެ ބައެއް ޓީޗަރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.