ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
ޖުނައިދުގެ ކުންފުނި "އޮންދިގޯ" ގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.
ނަމަވެސް މި މައްސަލަައި ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ބުނެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. އެ މައްސަލަ ފައިލް ކުރީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތު ޖުނައިދަށް ކުރި އަންހެން މުވައްޒަފު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ބުނީ ޖުނައިދު އެކި ދުވަސްތައް މަތިން ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އެއް ދުވަހު އޮފީހުގެ ކެމެރާ ނެތް ތަނަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި ކަމަށް އަންހެން މުވައްޒަފު ވަނީ ތުހުމަތުކޮށްފަ އެވެ.
ނަމަވެސް އަންހެން ކުއްޖާގެ ތުހުމަތުތައް ޖުނައިދު ވަނީ ދޮގު ކުރައްވާފަ އެވެ.
ޖުނައިދު އަވަސްއަށް ވިދާޅުވީ އެފަދަ އެއްވެސް އަމަލެއް އޭނާގެ ފަރާތުން އެއްވެސް އިރެއްގައި ފެނިފައި ނުވާނެ ކަމަށެވެ. އަންހެން މުވައްޒަފު އެފަދަ ގޮތަކަށް އޭނާ ބަދުނާމުކޮށްފައި އެވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަމަށް ބުނެ ދޮގު ހަދައިގެން އޮފީހަށް ނައިސް އުޅުނު މައްސަލައެއް އެ އޮފީހުން ބަލަން ފެށުމުން ކަމަށް ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ 2019 ވަނަ އަހަރު ސިވިލް ކޯޓުން ވެސް ބެލި އެވެ. އެއީ އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މޮރިޝަސް ކޮމާޝަލް ބޭންކުން އުފުލި 2.2 މިލިއަން އެމެރިކާ ޑޮލަރުގެ ދައުވާގެ މައްސަލަ އެވެ. ނަަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.