ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދަށް ތުހުމަތު ކުރާ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ޖުނައިދަށް ޖިންސީ ގޯނާގެ ތުހުމަތު ކޮަށްފައި ވަނީ އޭނާގެ އޮންދިގޯ ކުންފުނީގައި މަސައްކަތް ކުރި އަންހެން މުވައްޒަފެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޮންދިގޯ މުވައްޒަފަކަށް ދިމާވި ކަމަށް ބުނާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތު ޖުނައިދަށް ކުރި އަންހެން މުވައްޒަފު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ލިޔެފައިވަނީ ޖުނައިދު އެކި ދުވަސްތައް މަތިން ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އެއް ދުވަހު އޮފީހުގެ ކެމެރާ ނެތް ތަނަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި ކަމަށް އަންހެން މުވައްޒަފު ވަނީ ތުހުމަތުކޮށްފަ އެވެ.
ނަމަވެސް އަންހެން ކުއްޖާގެ ތުހުމަތުތައް ޖުނައިދު ވަނީ ދޮގު ކުރައްވާފަ އެވެ.
ޖުނައިދު އަވަސްއަށް ވިދާޅުވީ އެފަދަ އެއްވެސް އަމަލެއް އޭނާގެ ފަރާތުން އެއްވެސް އިރެއްގައި ފެނިފައި ނުވާނެ ކަމަށެވެ. އަންހެން މުވައްޒަފު އެފަދަ ގޮތަކަށް އޭނާ ބަދުނާމުކޮށްފައި އެވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަމަށް ބުނެ ދޮގު ހަދައިގެން އޮފީހަށް ނައިސް އުޅުނު މައްސަލައެއް އެ އޮފީހުން ބަލަން ފެށުމުން ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އޭނަ ދެ ދުވަސް ވަންދެން އޭޑީކޭގައި ބަލިވެގެން އެޑްމިޓް ކުރީ ކަމަށް ބުނެ އޮފީހަށް ނައިސް އުޅުނީ. އަޅުގަނޑުމެން ބެލި ބެލުމުން އޭނާ އެޑްމިޓް ނުކުރާކަން އެނގިގެން އެ މައްސަލަ ބަލާން ފެށީ. އެ ކަންތައްގަނޑުގައި އަޅުގަނޑަށް އޭނާއާ މުއާމަލާތްކުރެވުނު ގޮތުން ކަންނޭގެ މިހާ ބޮޑެތި ތުހުމަތުތަކެއް އެ އެޅުވީ. އަޅުގަނޑުގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރައިގެ އެއްވެސް އަމަލެއް ނުފެންނާނެ،" ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުން އެއްވެސް ސުވާލެއް ނުކުރާ ކަމަށާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.