ކްރިމިނަލް ކޯޓް

މާވިން އާއި ލަމްހާގެ ޝަރީއަތް ފަށަނީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މޭރީއާއި މާވިންއާއި ލަމްހާ އަކީ އައިޖީއެމްއެޗްގެ ނަރުހުންނެވެ. މާވިން އާއި ލަމްހާ މަސައްކަތް ކުރަމުން ދިޔައީ އެއް ޔުނިޓެއްގައެވެ.

މާވިންއާއި ލަމްހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކޯޓަށް ވަނީ މައްސަލަ ފޮނުވާފައެވެ. މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ހަލީމަތު ލަމްހާގެ މައްޗަށް ވަނީ މޭރީ މަރާލުމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް އުފުލާފައެވެ.

މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށެވެ.

މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ލަމްހާގެ މައްޗަށް ކުރެވެ އެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.