ރާއްޖެ ކުޅިވަރު

ނޭޕާލްގެ މައްޗަށް ބަނގްލަދޭޝް ކުރި ހޯދައިފި

އަންނަ ބުދަ ދުވަހު ފަށާ ސާފް ސުކުޒީ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ނޭޕާލްގެ މައްޗަށް ބަނގްލަދޭޝް މިއަދު ކުރި ހޯދައިފި އެވެ.

ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ ޝަވްކަތު ހުސައިން ރޮނީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބަނގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ބުނީ ކުޅުންތެރިންނަށް މެޗުގައި ދެއްކުނީ އޭނާގެ ޕްލޭނާ އެއްގޮތަށް 30 ޕަސެންޓް ކަމަށެވެ.

"އެކަމަކު އުއްމީދު ކުރަނީ ކުޅުންތެރިން ރިކަވާވެގެން މުބާރާތުގައި 60 ޕަސެންޓް ދައްކާނެ ކަމަށް،" މި މަހު ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
ނޭޕާލް ޓީމުގެ ކެޕްޓަން އަނިލް ގޫރޮންގް ބުނީ ދެ ވަނަ ހާފުގައި ނޭޕާލް ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ބާއްވާ މުބާރާތުގައި ނަތީޖާ ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"މި މެޗުން އަހަރުމެން ރަނގަޅު ކުރަންވީ ކަންތައްތައް ދަސްވެއްޖެ. މިއީ މުބާރާތަށް ތައްޔާރުވާން ލިބުނު ރަނގަޅު ފުރުސަތެއް،" ގޫރޮންގް ބުންޏެވެ.

މި މެޗަށް ފަހު ނޭޕާލް ޓީމު މާދަމާ އިންޑިޔާ އަށް ދާނެ އެވެ. މުބާރާތުގައި ނޭޕާލާއި އިންޑިޔާ އަދި ސްރީލަންކާ ހިމެނެނީ ގްރޫޕް އޭގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއ ރާއްޖެ އާއި ބަނގްލަދޭޝް އަދި ބޫޓާނެވެ.