ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީގެ ވިދާ ބަބުޅަމުންދިޔަ ފިލްމީ ކެރިއަރު 33 އަހަރަށް ދެމިގެން ދިޔަ އެވެ. އޭނާގެ ކެރިއަރުގެ ވިދުން ކިތަންމެ ގަދަޔަސް މީނާގެ ޒާތީ ދިރިއުޅުމުގައި އަބަދުވެސް އޮތީ ހިތާމަ އެވެ. ސްކްރީން ރައިޓާ ކަމާލް އަމްރޯހީ އާ ކައިވެނި ކޮށްގެން މީނާ ހޭދަކުރީ ވަރަށް ހިތްދަތި ދުވަސް ތަކެކެވެ. އަދި ދަރުމެންދުރަ އާއި ބޭއްވި ނާކާމިޔާބު ލޯބިން ވެސް އޭނާއަށް އިތުރު ހިތާމަތައް ލިބުނެވެ.
ވަރަށް ހިތާމަވެރި ހަޔާތެއް ވޭތުކުރަމުން ގޮސް 1972 ގައި މީނާ ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ. އޭނާގެ ޖަނާޒާއަށް ދިޔަ އެކްޓަރުންގެ ތެރޭގައި އޭރުގެ މަޝްހޫރު ބަތަލާ ނަރުގިސް ހިމެނުނެވެ. މީނާ އާއި ނަރުގިސްގެ މެދުގައި ވަރަށް ގާތް އެއްބަނޑު އެއްބަފާ ދެބެން ފަދަ ގުޅުމެއް އޮތެވެ. އެހެންވެ މީނާގެ މަރަށް ފަހު ނަރުގިސް ވަރަށް އަސަރުގަދަ ސިޓީއެއް ލިޔެފައި ވެއެވެ. އޭރު ނެރުނު އުރުދޫ މަޖައްލާއެއްގައި މި ސިޓީ ޝާއިއު ކޮށްފައި ވެއެވެ.
މި ލިޔުމުގައި މީނާ އާ ނަރުގިސް މުޚާތަބު ކޮށްފައިވަނީ ދައްތަ ކިޔާފަ އެވެ. ނަރުގިސް ލިޔެފައިވާ ގޮތުގައި މި ދުނިޔެއަކީ މީނާ ކަހަލަ އިންސާނަކާ އެކަށީގެންވާ ތަނެއް ނޫނެވެ.
މީނާ އާ އެކުވެރިކަން ބަދަހިވީ ގޮތް ވެސް މި ސިޓީގައި ނަރުގިސް ލިޔެފައި ވެއެވެ. ނަރުގިސް ބުނެފައިވާ ގޮތުގައި އޭނަގެ ފިރިމީހާ ސުނިލް ދަތު އާއި މީނާ އެކުގައި ކުޅުނު "މައި ޗުޕް ރަހޫންގީ" ގެ ޝޫޓިން ކުރިޔަށް ދިޔައިރު އެއް ދުވަހަކު އެ ފިލްމުގެ ސެޓަށް ދިއުމުގެ ދައުވަތު އޭނާއަށް ދިނެވެ. އެ ސެޓަށް ނަރުގިސް ދިޔައީ އޭރު ވަރަށް ކުޑަކޮށް ތިބި ސަންޖޭ ދަތާއި ނަމްރަތާ ގޮވައިގެންނެވެ.
"މީނާ އާއި އަހަރެން ގާތް ދެ އެކުވެރިންނަށްވީ އެ ދުވަހު ސެޓުން ބައްދަލުވުމުން. އަހަރެން ދަތު ސާހަބު އާއެކު ރޭގަނޑު ކެއުމަށް ދިއުމުން ސަންޖޫ އާއި ނަމްރަތާ ބަލައިދިނީ ވެސް މީނާ. އެކުދިންގެ ހެދުން ބަދަލުކޮށްލީ ކިރުތަށި ގިރައިދީ އެ ބޯންދީ ހެދީވެސް އޭނާ،" ނަރުގިސްގެ ސިޓީގައި ވެއެވެ.
މީނާގެ ފިރިމީހާ ކަމާލް އަމްރޯހީގެ ފަރާތުން ގިނަ ގުނަ އަނިޔާތައް މީނާ އަށް ލިބެމުންދިޔަ މަންޒަރު ވެސް ނަރުގިސް އަށް ވަރަށް ކައިރިން ފެނިފައި ވެއެވެ. އަދި މީނާ ލައްވާ ބުރަ މަސައްކަތް ކުރުވައިގެން ކަމާލް އާއި އާއިލާގެ މީހުން ކައިބޮއި ދިރިއުޅުމުގެ ހުރިހާ ޚަރަދެއް ކުރަމުންދިޔަ ކަން ވެސް އެންމެ ރަނގަޅަށް އެނގެނީ ނަރުގިސް އަށެވެ. ފަހުން ކަމާލްގެ ގެއިން ނުކުމެގެން ގޮސް މީނާ ދިރިއުޅުނީ އޭރުގެ މަޝްހޫރު އެކްޓަރު-ކޮމޭޑިއަން މަހްމޫދުގެ ގޭގައި އޭނާގެ އާއިލާ އާއެކުގަ އެވެ.
ދިރިއުޅުމުގައި ލިބެމުންދިޔަ ހިތާމަތައް ހަނދާން ނައްތާލަން އަބަދު މަސްތުގެ ހާލަތުގައި ފަހުން މީނާ އަބަދު އުޅެފައި ވެއެވެ. އަދި އޭގެ ނޭދެވޭ އަސަރުތައް މީނާގެ ސިއްހަތަށް ކުރަމުން ގޮސް ފަހުން ޖޯންޑިސް ޖެހި ވަރަށް ބަލިވި އެވެ.
ފަހުން މާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވާ ގޮވާލަން ދިޔަ ވާޙަކަ ވެސް ނަރުގިސްގެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
"އަހަރެން ބުނިން ދައްތާއޭ ކީއްވެހޭ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ތި ވައްޓާލަނީ އަމިއްލައަށް. އެހެން ބުނީމަ ދައްތަ ބުނި ކީއްހޭ ކުރާނީ ކަމާލްގެ ސެކްރެޓަރީ ވެސް މަގޭ ގައިގައި ތަޅަޔޭ. އެ ވާހަކަ ކަމާލް ކައިރީ ބުނީމަ އޭނަ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި މަށަށޭ ވަރު ކުރަނީ،" ނަރުގިސް ކިޔައިދީފައި ވެއެވެ.
ކަމާލް އަމްރޯހީ ކައިރިން ވަރިވުމަށް ފަހު މީނާގެ ހަޔާތަށް އައީ ދަރުމެންދުރަ އެވެ. މީނާ އަށް ދިރިއުޅުމުން ކުޑަ ނަމަވެސް އުފަލެއް ލިބުނީ ދަރުމެންދުރަ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މަދު ދުވަސްކޮޅު އެވެ.
"މީނާ އެންމެ ބޮޑަށް ލޯބިވީ ދަރުމެންދުރަ ދެކެ. އެއީ މީނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް. ނަމަވެސް ދެމީހުންގެ މެދުގައި ކޮންމެވެސް ކަހަލަ މައްސަލަތަކެއް ޖެހި ދަރުމެންދުރަ ވެސް މީނާ އާ ރުޅިވުމުން މީނާގެ ހިތް މުޅިން ހަލާކުވި. އަދި މަޑުމަޑުން މަރުގެ ތުންފަތް މައްޗަށް ދަމުން ގޮސް ދުނިޔެއިން ނިމި ދިޔައީ،" ނަރުގިސްގެ ސިޓީގައި ވެއެވެ.