ލައިފްސްޓައިލް

ލޯބިވެރިޔާގެ މަންމައަށް ކިޑްނީ ހަދިޔާކުރުމުން ލަނޑުދީފި

ލޯތްބަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. ބައެއް މީހުން ލޯބިވާ އެމީހަކު އެންމެ ލޯބިވާ މީހާއަށްޓަކައި ފުރާނަ ދޭން ވެސް ތިބެނީ ތައްޔާރަށެވެ. މެކްސިކޯގެ ބާޖާ ކެލިފޯނިއާގައި ދިރިއުޅޭ އުޒިއެލް މާޓިނޭޒް އަކީ ވެސް މިފަދަ ޒުވާނެކެވެ. އޭނާގެ ލޯބިވެރިޔާގެ މަންމަގެ ދެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހުނެވެ. އަދި ކިޑްނީ ނުލިބިގެން އުޅެނިކޮށް އުޒިއެލް ވަނީ ކިޑްނީ ހަދިޔާކޮށްފަ އެވެ. ލޯބިވެރިޔާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާގެ މަންމަގެ ފުރާނަ ސަލާމަތްކޮށްދޭން ބޭނުންވާތީ އެވެ.

ނަމަވެސް ކިޑްނީ ދިނުމުން ދެން ދިމާވީ ވަރަށް ދެރަ ގޮތެވެ. އުޒެއިލް ދޫކޮށްލާފައި ގޮސް އޭނާގެ ލޯބިވެރިޔާ އެހެން މީހަކާ ކައިވެނި ކުރީ އެވެ.
އިނގިރޭސި ވިލާތުގެ 'ދަ ސަން' ނޫހުގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އުޒެއިލް އަކީ ޓީޗަރެކެވެ. އުޒެއިލް ޝެއާކުރި ޓިކްޓޮކް ވީޑިއޯއެއްގައި އޭނާ ކިޔައިދިފައިވާ ގޮތުގައި ލޯބިވެރިޔާ އޭނާ ދޫކޮށްލާފައި ގޮސް އެހެން މީހަކާ ކައިވެނިކުރީ ލޯބިވެރިޔާގެ މަންމަ އަށް ކިޑްނީ ހަދިޔާ ކުރިތާ އެންމެ މަހެއް ވީތަނާ އެވެ.

މި ވީޑިއޯ މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައި ވެއެވެ. އަދި ވީޑިއޯގެ ކޮމެންޓް ސެކްޝަންގައި ލިޔެފައިވާ ގިނަ ކޮމެންޓްތަކުގައި ވަރަށް ގިނަ މީހުން ވަނީ އުޒެއިލް އަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ. އަދި އޭނާ ކަހަލަ ރަނގަޅު މީހަކަށް އެކަހަލަ ލޯބިވެރިޔަކު ގެއްލުނީތީ ހިތާމަނުކުރުމަށް ވެސް ގިނަ ބަޔަކު އެދިފައި ވެއެވެ.

އުޒެއިލް ބުނީ ލޯބިވެރިޔާ ލަނޑު ދިނަސް އޭނާ ލޯބިވެރިޔާ ދެކެ ނަފުރަތު ނުކުރާ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އެމީހުންނަށް އެކުވެރިންގެ ގޮތުގައި ވާޙަކަ ދެއްކޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް އުޒެއިލް ވަނީ އޭނާގެ ވާހަކަ އަޑުއެހި ކޮންމެ މީހަކަށް ވެސް ރަނގަޅު ނަސޭހަތެއް ދީފަ އެވެ. އޭނާ އަމަލުކުރި ގޮތަށް އެއްވެސް މީހަކު އަމަލު ނުކުރުމަށެވެ.