ޗެލްސީގެ ކޯޗުކަމުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު އަދި މިހާރުގެ ފުޓްބޯޅަ އެނަލިސްޓް ކެމައިން ކަރެގާ ބުނެފި އެވެ.
މޮރީނިއޯ ޗެލްސީގައި 2004 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރު ކޯޗުކޮށްދިންއިރު ޗެލްސީއާ އެންމެ ވާދަވެރިކޮށް އޮތް ލިވަޕޫލް ނޫން ޓީމަކަށް ކުޅެފައިނުވާ ކަރެގާ ބުނީ ޗެލްސީ އަށް އޮތީ މޮރީނިއޯ ވަކިކުރުން އެކަނި ކަމަށެވެ.
"އެމީހުންގެ ނަތީޖާތައް ގޯސް. ކޮންމެ ވެސް ކަންތައްތަކެއް ބަދަލުކޮށްގެން ނޫނީ ކުލަބުގެ ހާލަތު ބަދަލު ނުކުރެވޭ ވަރަށް ނަތީޖާތައް ގޯސްވެއްޖެ. މީގައި އެންމެ ފަހުން އޮތީ ދެ ގޮތް. އެއީ ކުޅުންތެރިން ބަދަލު ކުރުން ނުވަތަ ކޯޗު ބަދަލު ކުރުން. މި ވަގުތަކީ ކުޅުންތެރިން ބަދަލު ކުރެވޭނެ ވަގުތެއްނޫން. އެކަމަކު ކޯޗު ބަދަލު ކުރެވިދާނެ. އެހެންވީމަ ކޯޗު ބަދަލު ކުރުމަކީ ރަނގަޅު ނިންމުމެއް،" ކަރެގާ ބުންޏެވެ.
ޗެލްސީ އަށް އިނގިރޭސި ޕްރެމިއާ ލީގު ހޯދައިދިންތާ އެންމެ ހަތް މަސް ފަހުން އެކުލަބުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރީ ރޭ އިރާކޮޅު އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ އެންމެ 15 ޕޮއިންޓާއެކު ތާވަލުގެ 16 އަށް ވެއްޓުމުން ކޯޗު މަގާމުން ވަކިކުރީ ކުލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއްގައި މަޝްވަރާކުރުމަށްފަހު އެވެ.
ނަމަވެސް ޗެލްސީގެ 110 އަހަރުގެ ތާރީހުގައި މޮރީނިއޯ އަކީ ހިޓެކެވެ. 2004 އިން 2007 ވަނަ އަހަރާ ހަމައަށް ޗެލްސީގެ ކޯޗުކަންކޮށް އަލުން 2013 ވަނަ އަހަރު އެކުލަބާ ގުޅުމަށްފަހު އޭނާ ވަނީ ޕްރެމިއާ ލީގު ތިން ފަހަރު އަދި ކޮމިނިޓީ ޝީލްޑަކާއި އެފްއޭކަޕް އަދި ލީގު ކަޕް ތިން ފަހަރު ހޯދައިފަ އެވެ. މިއާއެކު ކުލަބުގެ އެނަމް ކާމިޔާބު ކޯޗަކީ ވެސް އޭނާ އެވެ.