މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރަށް ބައެއް ތުހުމަތު ކުރިމަތި ކުރައްވައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ އޭނާ ދައްކަވާ ބައެއް ވާހަކަތަކާ ގުޅިގެން އޭނާ އަކީ އިދިކޮޅު ޕީޕީއެމް އަށް ވިކިފައިވާ މީހެއް ކަމަށް ބައެއް ބޭފުޅުން ވާހަކަދައްކަވާ ކަމަށެވެ. ނަމަވެސް އޭނާ ވާހަކަދައްކަވަނީ މާލޭގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ދެކެ ޒަމީރު ހިތްހަމަޖެހިވަޑައި ނުގަތީ މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތް އެޅުމަށް ކަނޑައަޅާފައި އޮތް 18 މިލިއަން ރުފިޔާގެ ތެރެއިން ހަތް މިލިއަން ރުފިޔާ އުނިކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ޒަމީރު ތުހުމަތު ކުރެއްވި ގޮތުގައި އުނިކުރި ފައިސާ ސަރުކާރުން ބޭނުން ކުރަނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ހަރަދު ކުރާށެވެ. ޒަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއްގެ ބޭނުމުގައި އެގޮތަށް ހަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ 65 ގޮނޑި [އެމްޑީޕީ އަށް] އޮއްވާ އެންމެ ގޮނޑިއެއްގެ ބޭނުމުގައި އަޅުގަނޑުމެންގެ މާލެސިޓީ ރައްޔިތުންގެ އިމާރާތުގެ ބަޖެޓުން ހަތް މިލިއަން ރުފިޔާ އުނިކޮށްފައި ދެކޮމަންޑޫ ގުޅުވާލަން އެކުރާ ހަރަދު ބަލައެއް ނުގަނެވޭ. އަދި އެމްޑީޕީ ކައުންސިލަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ބަލައެއް ނުގަނެވޭ. އެއީ މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަކުން އުނިކޮށްފައެއް ކުއްލިއަކަށް އެހެންކަމަކަށް އެ ބަޖެޓް ހަރަދުކުރާކަށް ބަލައެއް ނުގަނެވޭ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް މިވަގުތު ހިދުމަތް ދެނީ މާލޭގެ އެކި ހިސާބުތަކުގައި އެކި އޮފީސް ގާއިމުކޮށް ކޮންމެ ތަނަކުން ވަކި ހިދުމަތެއް ކަމަށެވެ. ޒަމީރު ސިފަކުރެއްވި ގޮތުގައި މިވަގުތު ހިދުމަތް ދެނީ "ބުޅާ ހަތް ހާއްޔަށް ލާހެން" ނެވެ. އެހެންވެ 18 މިލިއަން ރުފިޔާ މިއަހަރަށް ކަނޑައެޅީ އެއް އިމާރާތަކުން ވީހާ ވެސް ގިނަ ހިދުމަތް ދިނުމަށް ކަމަށް ވިދާޅުވި އެެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޒަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ކުރާ ކަންކަމަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށެވެ. އެގޮތުން މާލޭގެ ބަނދަރުތައް މާލެ ސިޓީ ކައުންސިލަށް ނުދޭން ރައީސް އޮފީހުން ނިންމީ މާލޭގެ ރައްޔިތުންނަށް ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާއެއް ވާން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ކުރީގެ ބައެއް ބައެއް ބައްދަލުވުންތަކުގައި ވެސް ސަރުކާރުގެ ބައެއް ނިންމުންތަކަށް ޒަމީރު ފާޑު ވިދާޅުވެފައިވެ އެވެ.