ރޭ ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 3-1 ގެ ނަތީޖާ އަކުން މޮޅުވި މެޗުގައި ބަދަލު ކުރުމުން ޔުނައިޓެޑްގެ ކޯޗް ރަންގްނިކަށް ރޮނާލްޑޯގެ ނުރުހުން ފާޅުކޮށްފި އެެވެ.
މިކަމާއި ގުޅިގެން ރަންގްނިކް ބުނީ ރޮނަލްޑޯ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައި އެވަނީ ކުޑަ އަނިޔާއަކަށް ފަހު ކަމަށާ ކުރިއަށް އޮތް ވެސްޓްހޭމްގެ މެޗަކީ އުނދަގޫ ވާނެ މެޗަކަށް ވާތީ އެ މެޗަށް ތައްޔާރުވާން އެބަ ޖެހޭ ކަމަށެވެ.
"އަހަރެންނަށް އެނގޭ ރޮނާލްޑޯއަކީ ގޯލު ޖަހަން ބޭނުންވާ ކުޅުންތެރިއެއްކަން، އެކަމަކު އަހަރެން އެބަ ވިސްނަން ޖެހޭ ކުރިޔަށް އޮތް ވެސްޓްހޭމްގެ މެޗަށް ވެސް. ހަމަ ގައިމުވެސް އެ މެޗަކީ ފަސޭހަ ވާނެ މެޗެއް ނޫން އަދި އެއީ ބްރެންޓް ފޯޑް ފަދަ ޓީމެއް ވެސް ނޫން. ރޮނަލްޑޯ އެނބުރި އެ އައީ ކުޑަކުޑަ އިންޖަރީއަކަށް ފަހުގައި. އަހަރެން ގަބޫލު ކުރަނީ ރޮނަލްޑޯ ކަހަލަ ކުޅުންތެރިއެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ އެފަދަ މެޗެއްގައި ކަމަށް. ކަންތައްތައް ބަދަލުވެގެން ދާނީ ކޮން އިރަކު ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގޭނެ. އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ކުރަން."
ކަނާތު ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ ދެ މެޗުގައި ނުކުޅެވުނު ނަމަވެސް ރޭގެ މެޗުގައު ރޮނާލްޑޯ ވަނީ ފުރަތަމަ 11 ގައި ހިމަނާފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން 55 ވަނަ މިނިޓުގައި މިހާރު ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ހޯދަމުން ދާ ފްރެޑްގެ އެސިސްޓަކުން އެންތޮނީ އެލަންގާ އެވެ. އޭގެ ހަތް މިނިޓު ފަހުން ބަދަލު ކުޅުތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޭސަން ގްރީންވުޑް، ބްރޫނޯ ފެނާންޑޭޒް ކުރި އެސިސްޓަކުން ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާ ކުރި އެވެ. މެޗުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ މާކަސް ރަޝްފޯޑެވެ މިލަޑު ވެސް އެސިސްޓް ކުރީ ބްރޫނޯ ފެނާންޑޭޒް އެވެ.
ޔުނައިޓެޑް މޮޅުވެ ކްލީން ޝީޓެއް ހެދުމާއި ހަމަޔަށް ދަނިކޮށް ބްރެންޓްފޯޑުން 85 ވަނަ މިނިޓުގައި ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑްގެ އެ ޓާގެޓް ނާކާމިޔާބު ކޮށްލި އެވެ. އެ ލަނޑު ބްރެންޓް ފޯޑަށް ޖަހައިދިނީ އިވާން ޓޮނޭ އެވެ.