( 18 ޖަނަވަރީ 2022 އާ ގުޅޭ )
ގެއިން ނުކުންނަން ހޫރައިން ހިނގައިގަތީ އެހެން ދުވަސް ދުވަހަށްވުރެ ކުރީންނެވެ. ދޮރޯށި ލައްޕާލައި އަތުގައި އޮތް ކުޑަ ހުޅުވާލިއެވެ. އޭނާ އެހެރީ ގޮތެއްގައެވެ. މިއަދު އޭނާ ޒެހެންއާ ވާހަކަދައްކާނެއެވެ. އޮޅުވާލާނަމަ އެކަން ކޮންމެވެސް ގޮތަކުން އެނގޭނެއެވެ.
* * * * *
"އެނގޭތަ... ކިތަންމެ ފަހަރަކު ހިތައްއެރި ތިގެއަށް ގޮސްދާނަމޭ. ހޫރް ދެކެން ބޭނުންވެފަ ހުރިވަރުން...އެހެންޏާ! ވީގޮތެއް ނޭނގޭ!... ކުއްލިއަކަށް ހޫރް އަހަންނާ ވާހަކަދެއްކުން ހުއްޓާލީ، ބައްދަލުވެސް ނުކުރީ... ކީއްވެ؟. އަހަންނަށް ކަމެއް ކުރެވުނީތަ. އެންމެފަހުން ވާހަކަދެއްކި ދުވަހުވެސް ހުރިހާ ކަމެއް ރަނގަޅު. ޕްލީޒް... ވީގޮތެއް ބުނެބަލަ." ޒެހެންއަށް ބުނެވުނެވެ.
އެހެން ދުވަސް ދުވަހަށްވުރެ ހެނދުނާ ޒެހެން ޔުނިވަރސިޓީއަށް އައެވެ. މަސައްކަތު މީހުން އެންމެންނަށްވުރެ ކުރީން އަންނަކަން އެނގިފައި އޮތީމައެވެ. ޔުނިވަރސިޓީގެ ގޭޓުކައިރީ މަޑުކޮށްލައިގެން އޭނާ ހުރީ ހޫރައިންގެ ކުރިމައްޗަށް އަރާ ވެގެން އުޅޭ ގޮތެއް މިއަދު ކޮންމެހެން ވެސް އޮޅުންފިލުވަންވެގެންނެވެ. އޭނާގެ ކެތްތެރިކަން ގެއްލިދާހާވެއްޖެއެވެ. ހޫރައިންއަށް ކަމެއްވެއްޖެކަން ޒެހެންއަށް ޔަގީންވާތީއެވެ. ސަބަބެއްނެތި ހަމަކުއްލިއަކަށް އެ ދެމެދަށް ދުރުކަމެއް ހޫރައިން ގެނެސްދާނޭ ޒެހެންގެ ހިތް ގަބޫލުނުކުރަނީއެވެ.
ބޮޑު ކުޑައެއްގެ ދަށުގައި ހުރެ ކުޑަކުޑަ އަންހެންކުއްޖަކު އަންނަތަން ޒެހެންއަށް ފެނުމާއެކު އެއީ ހޫރައިންކަން އެނގިއްޖެއެވެ. ގޭޓުން ވަންނަން އައުމާއެކު ޒެހެން ސަލާން ގޮވާލިއެވެ. ނުކެރިފަ ހުރި ކަހަލަ ގޮތަކަށް ހިމަހިމަ އަޑަކުން ސަލާމް ބަލައިގަތުމާއެކު ހޫރައިން ނަގާފައިވާ ކުޑަ އަރިކޮށްލިއެވެ. އެ މޫނު ޒެހެންއަށް ފެންނާނޭ ވަރަށެވެ. އެ ތޫނުފިލި މުށިކުލައިގެ ދެ ކަޅި ޒެހެންއާ އަމާޒުކޮށްލެއްވުނެވެ.
"ބައްދަލުވެދާނެތަ؟." ހިސާބެއްގެ ފަސްޖެހުމާއެކު ހޫރައިން އަހާލިއެވެ.
"ދިހައެއްގެ ކުރީން ފްރީ. މީޓްކުރަންވީ ތަނެއް ބުނޭ." ޒެހެން އަވަސްއަވަހަށް ބުނެލިއެވެ. މީހުން ވަންނަން އަންނަ ގޭޓުގެ ކައިރީ ތިބެ ވާހަކަދައްކަން ދެ މީހުން ވެސް ބޭނުމެއްނުވެއެވެ. ޚާއްޞަކޮށް ރަހުމާގެ ސަބަބުން ވެސް މެއެވެ.
"އިރުކޮޅަކުން މެސެޖު ކުރާނަން." ހޫރައިން ބުނެލިއެވެ. ޒެހެން ބޯޖަހާލީއެވެ. ހޫރައިން މަޑުކުރުމެއްނެތި އެތެރެއަށް ވަދެގެން ދިޔައީއެވެ.
"ތެންކިޔު ގޯޑް... ތޭންކްސް އަލޮޓް..." ލައިގެން ހުރި ކޯޓުގެ ބޮލުގައިވީ ބައި ފަހަތަށް ވައްޓާލުމާއެކު ޒެހެން އިސްއުފުލައި އުޑުމައްޗަށް ބަލާލިއެވެ. އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ވާރޭގެ ތިކިތަކުން އޭނާގެ އިސްތަށިގަނޑާއި މޫނު ތެމެމުންދިޔައެވެ. ބަޔާންކުރާން ދަތިވި ފަދަ ހަމަޖެހުމެއް ހިތަށް ވެރިވެއްޖެއެވެ. ފުންނޭވާއެއް ހަށިފުރާ ދޫކޮށްލިއެވެ. ދެ ލޯ މަރާލުމާއެކު އޭނާ ހިތުގެ އަޑީން ﷲއަށް ތަކުރާރުކޮށް ޙަމްދުކުރިއެވެ. ހޫރައިންއާ މެދު ކަންބޮޑުވެ ހާސްވީވަރުން އެ އުދާސްކަމާއި ހިތަށް ލިބުނު ދަތިކަން ޚިއްޞާ ކުރަމުން އައީ އެ ފަރާތާއެވެ. އޭނާއަށް ކޮންމެވެސް މަގެއް ދައްކަވައިދެއްވުން އެދި ދުޢާކުރެވުނެވެ. ރިވެތިވެގެންވާ ގާތްކުރުމަކުން ދެ މީހުން ގާތްކޮށްދެއްވުމަށް އެދެވޭތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ޢަމަލްތައް ސީދާކުރެވޭތޯ ބަލަމުން އައީ ﷲގެ ރުއްސެވުން އެދިއެވެ. އޭރުން އޭނާގެ މުރާދުތައް ހާސީލުވުމުގެ މަގު އެކަލާނގެ ފަހިކޮށްދެއްވާނޭކަމުގެ ޔަގީންކަމުގައެވެ.
މިހާރު ޒެހެން އެ ހުރީ ޔުނިވަރސިޓީގެ ނަމާދުކުރާ ބައި ހުންނަ ފަންގިފިލާގައެވެ. ހުސްކޮށް ހުރި ކުލާސްރޫމު ތަކުގެ ސަބަބުން އެ ފަންގިފިލާ އޮތީ ފަޅަށެވެ. ސަރައްކާލީގައި ހޫރައިންއާއެކު ޒެހެން މަޑުކޮށްލައިގެން ހުއްޓެވެ. ބައްދަލުކުރާން ހޫރައިން ޚިޔާރުކުރި ތަނަކީ އެއީއެވެ. މެސެޖު ލިބުމާއެކު އެތަނަށް ޒެހެންއަށް އާދެވުނީ ދުވަމުންނެވެ. ދެ މީހުން ބައްދަލުވުމާއެކު ހޫރައިންއަށްވުރެ ކުރީން ޒެހެން ވާހަކަދެއްކިއެވެ. އަދި ހޫރައިންގެ ފަރާތުން ޖަވާބަކަށް އެދި މަޑުކޮށްގެން ހުއްޓެވެ.
"އެހެން މީހަކާ އިންނަން ވަޢުދުވީންތަ؟. އަހަންނަށް ދޮގު ނުހަދާނެކަމަށް ހީކުރަން." ހޫރައިން އަހާލިއެވެ. އެހިނދު ޒެހެންގެ މޫނުމަތިން ފާޅުވި ހައިރާންކަން އޭނާ ދުށްޓެވެ. އެ އަސަރުން ވެސް ހޫރައިންއަށް ދެއްކުނީ ޒެހެންއަށް އެނގިފައިނުވާ ވާހަކައެއްހެން ހީވެއްޖެއެވެ.
"ހަޔާތުގައި މިހާތަނަށް ކައިވެންޏެއްކުރަން ގަސްދުކޮށް އެހި ހަމައެކަނި ކުއްޖަކީ ތީ. ކިހިނެއްވީ؟... ހޫރަށް ދޮގެއް ހަދާ އޮޅުވާލާފައެއް ނޯންނާނެ." ޒެހެން ބުންޏެވެ.
"އާއިލާއިން ޒެހެންއަށް ޓަކައި ބައިވެރިޔަކު ޚިޔާރުކޮށްފަ އޮވެދާނެއެއްނު. އެމީހުން ރުހޭ އަންހެނަކަށް އަހަރެން ނުވެދާނެ..."
"ހޫރް. ކީކޭ ތިކިޔަނީ... މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީމޭ އަހަރެން ބުނީމެންނު. އެއީ ސަމާސާއެއްނޫނޭ. މަންމައަށް ހަޤީޤަތް އެނގޭނެ. ހޫރް ހުންނަ ގޮތް އަހަރެން ކިޔައިދިނީމޭ. ހޫރްގެ ފަރާތުން އެނގުނު ހުރިހާކަމެއް މަންމައަށް ކިޔާދީފަ ވާނީ. އަހަންނާއި ހޫރް ގުޅުމަކަށް އަހަރެންގެ އާއިލާއިން ހުރަހެއް ނާޅާ. ހޫރް!... ޓެލް މީ ސަމްތިން... މީހަކު ތިކަހަލަ ވާހަކަދެއްކީތަ؟." ޒެހެންގެ ހަނދާނަށް ކުއްލިއަކަށް އައީ ރަހުމާ ގޮވި އެއްޗިއްސެވެ. އާއިލާއަށް ހޫރައިން އެނގިއްޖެނަމަ އެމީހުންނަށް އެ އަންހެންކުއްޖާ ކަމުނުދާނޭ ވަރެވެ. އެއީ ރަހުމާގެ ވިސްނުމެވެ. އޭނާއަށް ހީވާހީވުމެކެވެ. ހަގީގަތެއް ނޫނެވެ.
"ހޫމް..." ހޫރައިން ހޫން ލައްވާލީ ބޯޖަހާލަމުންނެވެ. އެއާއެކު ފުންނޭވާއެއް ޒެހެންއަށް ދޫކޮށްލެވުނެވެ. މޫނުގެ އެއްފަރާތުން ތުނބުޅީގައި ޒެހެންއަށް ކަނާއަތްތިލަ ހިންގާލެވުނެވެ. ދަތްކުނޑިވިކާލެވުނެވެ.
"ރަހުމާ... ރަހުމާ އައީތަ ހޫރް ކައިރިއަށް. އެހެންވެތަ ރޮވިފައި ހުރީ. އޭނާ އެއްޗެހިކީ ދޯ." ހިތްހަމަނުޖެހުނެއް ކަމަކު އެ ފޫހިކަމުގެ އަސަރު ހޫރައިންއަށް ޒެހެން ނުދެއްކިއެވެ. ހޫރައިންގެ ދެ ލޮލުން މާޔޫސްކަން ފާޅުވެލިތަން ޒެހެން ދުށްޓެވެ. އޭނާ ރަހުމާ ދެއްކި ވާހަކައެއް އެނގޭކަށް ބޭނުމެއްނޫނެވެ. އެ ވާހަކަތައް އަލުން ހޫރައިންލައްވާ ކިޔުއްވާ އެ ހިތަށް ބުރަކަމެއް ދޭން ނޭދޭތީއެވެ. ރަހުމާގެ ހަރުކަށިކަމާއި އަނގަ ހުތުރުވާނެވަރު ޒެހެންއަށް ދެނެގަންނަން އެނގެއެވެ.
"ﷲއަށް ޓަކައި އަހަރެން ޚިޔާރުކުރި ބައިވެރިއަކީތީ. ހޫރްނޫން ކުއްޖަކާ ކައިވެނިކުރުމުގެ ގަސްދެއްނެތް. ދެ ދުނިޔޭގެ ބައިވެރިޔާއަށް ވާން މިހިތް އެދޭ ހަމައެކަނި އަންހެންކުއްޖަކީތީ. ހޫރައިންގެ ހަޔާތުން ވަގުތުތަކެއް ބޭކާރުކުރާކަށްނޫން މިއުޅެނީ. ﷲއަށް ޓަކައި ނިކަން ހޫރައިން އަހަންނަށް އިތުބާރުކޮށްބަލަ." ޒެހެންއަށް ބުނެވުނެވެ. ހޫރައިންގެ އަތުގައި ހިފާލުމަށް އޭނާއަށް އަތް ގެންދެވެން އުޅުނެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ނިކަން އަވަހަށް ޒެހެން ހުއްޓުވައިފިއެވެ. ހޫރައިން އަނގައިން ނުބުނެ ޒެހެންއަށް ބަލަން ހުރުމުން ޒެހެންގެ ހިތް ތެޅިފޮޅެންފެށިއެވެ. ހޫރައިނަށް އޭނާއަށް އިތުބާރުކުރަން ދަތުވަނީއޭ ހީވިއެވެ. އެއާއެކު ޒެހެން އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ޖަސްޓް ވެއިޓް ހިއާ. އަހަރެން އެބަ އަންނަން... ޕްލީޒް... ވައިޓް ހިއާ." ޒެހެން އަވަސްއަރުވާލާފައި ބުންޏެވެ. ކިހިނެއްކަމެއްވާން މިއުޅެނީ ނޭނގި ހޫރައިން ހާސްވާގޮތްވިއެވެ. އެހެންވިޔަސް ޒެހެންގެ މޫނުން ފާޅުވި ސީރިއަސްކަމެއްގެ ސަބަބުން ހޫރައިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ހޫރައިންއާ ދުރަށް ހިނގައިގަނެފައި ޒެހެން ހުއްޓުނެވެ. ފަސްއެނބުރި ހޫރަށް ބަލާލުމާއެކު އަލުން ކައިރިއަށް އަތުވެއްޖެއެވެ.
"ޕްރެޔާ ރޫމަށް ވަދޭ. އަހަރެން ގޮވާލީމަ އަޑު އިވޭ ހިސާބުގަ މަޑުކުރޭ." ޒެހެންގެ ޚިޔާލު ބަދަލުވީއެވެ. އޭނާ އެދުނު ފަދައިން ހޫރައިން ކަންތައް ކުރިއެވެ. ދެން ޒެހެން ފޯނު ނެގުމާއެކު ރަހުމާއަށް ގުޅިއެވެ. ޒެހެންދެއްކި ވާހަކަ ހޫރައިންއަށް އަޑު އިވެއެވެ. ގިނައިރެއްނުވެ އެތަނަށް ރަހުމާ އަންނާނެކަން ހޫރައިންއަށް ޔަގީންވީ އެހެންވެއެވެ. ހިތުގެ ހިނގުން އަވަސްވަމުން އައީ ރަހުމާއާ ކުރިމަތިލާން ހޫރައިން ޖެހިލުންވެފައި ހުރިވަރުންނެވެ. އޭނާހާ ދޫ ފަސޭހަ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްކަމުގައި ހޫރައިން ނުވެއެވެ. ބޮޑު ޒުވާބެއް ފެށިދާނޭތީ ހޫރައިން ބިރުގަނެވެ. ޔަގީނުން ވެސް ބަލިވާނީ އޭނާގެ ކޮޅުކަން ޤަބޫލުކުރެވެނީއެވެ. ރޮވޭނީ ވެސް އޭނާއަށެވެ.
"މިތާ ކީއްކުރަނީ؟. ކީއްވެ އަންނާށޭ ބުނީ." ފަރި ހިނގުމެއްގައި ތަޅުމުގެ ހިމޭންކަން ނަގާލަމުން އައި ރަހުމާއަށް ޒެހެންއާ ކައިރިވެވުމުން އަހާލިއެވެ.
"ކަމެއް ސާފުކޮށްލަން." ޒެހެން ވަގުތުން ބުންޏެވެ.
"ކޮންކަމެއް." ރަހުމާ އައިސް ސީދާ ޒެހެންގެ ކުރިމަތީ ހުއްޓުނެވެ.
"އިންސާނުންނަށް އެކަކުއަނެކަކަށް އޮޅުވާލެވިދާނެ. ދޮގާއި މަކަރު ހަދައިގެން އުޅެވިދާނެ. އެކަމަކު އިންސާނުންގެ އެއްވެސް ޢަމަލެއް، އެއީ ކިތަންމެ ކުޑަ ނަމަވެސް، އެއީ އޭނާގެ އަމިއްލަ ނަފްސަށް އޮތް ސިއްރެއްކަމުގައި ވިޔަސް، އެއިން އެއްވެސް ކަމެއް ސިއްރުނުވާނެ ފަރާތެއްވާކަން ރަހުމާ ޤަބޫލުކުރަންތަ؟." ރަހުމާއާ ހޫނު ޒުވާބެއްކުރުން ނުހަނު ފަސޭހަކަމަކަށް ވާނޭކަން ޒެހެންއަށް އެނގެއެވެ. އެކަމަކު އޭނާގެ ގަސްދަކީ އެއީއެއްނޫނެވެ. އޭނާ ބޭނުމީ ރަހުމާއަށް ވިސްނައިދޭށެވެ. އޭނާގެ ނޭދެވޭ ޢަމަލުތައް ހުއްޓުވާށެވެ.
"ތީ ކޮންވާހަކައެއް. ޒެހެން އަހަން އުޅޭ އެއްޗެއް ވާހަކަދިގުނުކޮށް އަހަންވީނު. ޖަވާބުދޭން މަށަށް ތަންކޮޅެއް ފަސޭހަވާނެ އޭރުން." ޒެހެންގެ ވާހަކަ ހުރި ގޮތާ ރަހުމާ ގަޔާނުވީއެވެ. އެފަދަ ވާހަކަތަކަކީ ރަހުމާ ފުންކޮށް ވިސްނަން ބޭނުންވާ ކަންކަމެއް ނޫނެވެ. މުހިންމުކަން އިހްސާސް ވެސް ނުކުރެވޭތީއެވެ.
"އަހަންނާއި ރަހުމާއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއް؟. އަހަރެމެންނަކީ ލޯބިވެރީންތަ؟. ނޫނީ ދުވަހަކުވެސް އަހަރެން ބުނީންތަ ލޯބިވެޔޭ." ޒެހެން ސުވާލު ކުރީ ރަހުމާގެ ދުލުން ބުނާ ޖަވާބު ހޫރައިންއަށް އިއްވުމުގެ ގަސްދުގައެވެ.
"ކުރީން ދުވަހު ކިޔުނު އެއްޗެހިން އަދިވެސް ރުޅި އައިސްފަތަ." ރަހުމާ ބުންޏެވެ.
"އަހަރެން މިކުރި ސުވާލަށް ޖަވާބުދީ." ޒެހެންގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ.
"ޒެން..." ރަހުމާއަށް ތެދު ހާމަކުރަން ދަތިވިއެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް ޒެހެންވަނީ އެ ދެމެދުގައި އިން ކަނޑައަޅާފައިކަން އެނގޭތީއެވެ. ރަޙުމަތްތެރިއެއްގެ ގޮތުން ނޫނީ ރަހުމާއާ މެދު ޒެހެން ނުދެކޭކަން ވަނީ ބުނެދީފައެވެ. ރަހުމާ ގަބޫލުކުރަން ދެކޮޅު ހަދާ ހަގީގަތަކީ އެއީއެވެ. ދުލުން އެފަދައިން ބުނަންވީމާ އަދި ވަކިން އުނދަގޫކަމަކަށް ވެއްޖެއެވެ.
"އަހަރެމެންގެ ދެމެދުގައި އެކަހަލަ ގާތްކަމެއް އެބައޮތްތަ؟" ރަހުމާގެ ފަރާތުން ބުނުވަން ޒެހެން އަދިވެސް ބާރު އެޅިއެވެ.
"ނެތް. އެކަމަކު އޭގެ މާނައަކީ ފުރުސަތެއް ނެތީއެއްނޫނެއްނު. ޒެން އެދޭ ގޮތަކަށް އަހަރެން ބަދަލުވެދާނަމޭ." ރަހުމާ ބުންޏެވެ.
"މީހަކަށް ޓަކައި ބަދަލުވުމަކީ ބޭކާރުކަމެއް. ފިނި ސިކުނޑިއަކުން މަޑުމައިތިރިކަމާއެކު ރަހުމާގެ އަމިއްލަ ނަފްސާ މެދު ވިސްނާލަބަލަ. އަމިއްލައަށް ކަމެއް ކުރުމުގެ އިޚްތިޔާރާއި ބާރު ދެއްވީ ކޮންފަރާތަކުން. މުސްލިމަކަށްވެ ހުރެ ތިއުޅެވެނީ ހަމަ އެންމެ ރަނގަޅު ގޮތައްތަ؟. ދީނާއި އެ ދީނުގައި އަންގަވާފައި އޮތް ގޮތާމެދު ވިސްނާ ފިކުރު ހިންގާލީ ކޮންދުވަހެއްގަ؟. ކުރިއަށްވާން ހުރި ކަންކަމާއި ޤައިބުގާ ވާކަންކަން އެކަކަށް ވެސް ނޭނގޭނެ. އެހެނެއްކަމަކު ތަޤްދީރު ޝާމިލުނުވެ އެއްވެސް ކަމެއް ހިނގާނޭ ހީވަނީތަ؟. އަހަންނަށް ހޫރައިން ފެނުނު ވަގުތާއި، އޭނާގެ މައްޗަށް ހިތް ޖެއްސުވުމުގައި އަމިއްލަ އިޚްތިޔާރެއް ނެތް ކަހަލަ... ނޭނގި ހުއްޓާ ކުރިމަތިވި އިއްތިފާގޭ އެއްގޮތް... ޕްލީޒް ރަހުމާ!. ހޫރައިންއާ ދިމާކުރުމުގެ ވިސްނުން ދޫކޮށްލާ. ހޫރައިންއަކީ އަހަރެންގެ ހޮވުން. އަދި އަހަރެންގެ މަންމަގެ ރުހުން އެކަމުގައިވޭ. މަންމައަށްފަހު މިހިތުން ޚާއްޞަ ޤަދަރެއްދެވުނު ފުރަތަމަ އަންހެންކުއްޖަކީ އެއީ. ވީ އެންމެ އަވަހަކަށް ކައިވެނި ކުރާން ހިތް އެދެނީ. އޭނާއާ ވަކިވުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އެކަމަކު ﷲ އަހަރެންގެ މައްޗަށް ރާއްވަވާފައިވަނީ ކޮންގޮތަކަށްކަމެއް ނޭނގޭ. އެހެންވިޔަސް ޔަގީންކުރަނީ އެ ނިންމުންވާނީ އަހަންނަށް އެންމެ ރަނގަޅުގޮތައްކަން. އަހަންނަށް އެނގޭ މިތާނގަ ހޫރައިން އަދާކުރަނީ މަސައްކަތު މީހެއްގެ ވަޒީފާކަން. ރިޒްޤަށް ޓަކައި މީހާ ކުރާ ހަލާލު ކޮންމެ މަސައްކަތަކީ ﷲގެ ރުހުން އެކަމުގައިވާނޭ މަސައްކަތެއް. އަހަންނަށް އެކަން މައްސަލައަކަށްނުވޭ."
"އެހާ ދުވަސްވެ ދަރިއަކު ހުރީމާ..."
"ތިހެން ނުކިޔަފާނަންތަ... ތީ ރަހުމާއަށް އަރާފައި އޮތް ވަރަށް ބޮޑު އޮޅުމެކޭ. ތަހުޒީބެއްނެތް ވިސްނުމެއް ހުރީ ރަހުމާގެ. އޭނާ އަހަންނާއި ރަހުމާއާއަށްވުރެ އުމުރުން ހަގު. ތާނީއަށް ވެސް އެކަން އެނގޭނެ. އަދި އޭނާގެ ހުންނަނީ ކުޑަކުޑަ ދަރިއެއް. އެ ދަރިފުޅު ވެސް އަހަރެން ދުށީން. ﷲ އަހަރެންގެ ހިތް ޖެއްސުވީ ފުރިހަމަވެފައިވާ އާއިލާއަކަށް. އަނތްބަކާއި ދަރިއަކު އެކީގައި ލިބުމަކީ ވެސް ހާދަ ބޮޑު ނިޢުމަތެކޭ. އެކުއްޖާގެ ފުށުން އަހަރެން އިމްތިހާނުވެގެންދާނެ. ކޮންމެ އިމްތިހާނެއްގައި ހެޔޮކަން ނޫނީ ނުވޭ. އެކުއްޖާއާ ގުޅުވައި ވިޔާނުދާ ވާހަކަ ރަހުމާ ދެއްކުމަކުން އަހަރެންގެ ހިތެއް ބަދަލެއްނުވާނެ. އެއީ ކޮންމެކަހަލަގެ ކުއްޖަކަށްވިޔަސް އިންޝާﷲ، އެ ބުރަ އުފުލަން ތައްޔާރުވެ މިހުރީ. އެމީހުންގެ ފަރާތުން ރަހުމާއަށް ކޮންއުނދަގުލެއްވާނީ. ކޮންމެ ހާލެއްގައި ވެސް އަހަރެން މިހުރީ ހޫރައިންއާއި އެ ދަރިފުޅު ބަލާގޮތައް. އަހަރެންގެ އަނތްބަކަށްވުމަށްފަހު ﷲގެ ވާގިފުޅާއެކު އެ ދެމައިން ތިބޭނީ އަހަރެންގެ ރައްކާތެރިކަމުގައި. އެމީހުންނަށް ޚަރަދު ކުރާނީ އަހަރެން. އެހެންވީމަ ދެން ހުއްޓާލާ... ރަހުމާއާ ނުބެހޭ ކަންކަމުގެ ތެރެއަށް ނުވަދޭ. ރަހުމާއާމެދު ހަރުކަށިކޮށް ޢަމަލުކުރަން ނުޖައްސުވާ. ހޫރްގެ ދެ ލޮލުން ކަރުނަ ދުށުމަކީ އަހަންނަށް ބަލަން އުނދަގޫ މަންޒަރެއް. ހޫރައިންއަކީ ބަސް މަދު އަންހެންކުއްޖެ. އޭނާ ރަހުމާއަށް ރައްދު ނުދޭނެކަން ޔަގީން. މަލާމާތާއި ފުރައްސާރައިން ނިކަމެތިކޮށްލުމުގެ އުކުޅުތަކުން ހޫރައިން ބަލިކޮށްލެވިދާނެކަން އަހަރެން ޤަބޫލުކުރަން. އެކަމަކު އެއީ ނިކަމެތި އަންހެންކުއްޖެއްނޫން. އޭނާއާއެކު ﷲ ވޮޑިގެންވޭ. ރަހުމާ އޭނާގެ ހިތުގައި ޖެއްސިއިރު އެކަން އެކަލާނގެ ބައްލަވާވޮޑިގެންވި. އޭގެ ބަދަލު އޭނާއަށް ﷲ ދެއްވަވާނެކަން ޔަގީން. އެކަމާ ރަހުމާ އެންމެ ފަހަރަކުވެސް ވިސްނާލިނަމަ... އެ ދުވަހު ރަހުމާ އެކަން ކުރުމުން އަހަރެންގެ ގާތަށް ހޫރައިން ފޮނުއްވުމަށް ﷲ އަވަސްވެވޮޑިގެންވީކަން ކަށަވަރު. ހިތްދަތިކަމުގެ ކަރުނުން ފުރިފައިވި އެ ދެ ލޯ އެކަލާނގެ އަހަންނަށް ދެއްކެވި. އެހިނދު ކަމެއް ގޯސްވެއްޖެކަން އަހަރެންގެ މުޅި ނަފްސު ދެނެގަތް."
"އައި ހެޑް އިނަފް. ސްޓޮޕް ދިސް އޫރް ނޮންސެންސް... އަންހެނަކާ ހެދި މޮޔަވިޔަސް ތީބޮޑުވަރު. އޭނާ ގޮސް ޒެންގެ ކައިރީ ކުޓުވީކަން މަށަށް އެނގިއްޖެ. އަހަންނަށް ހެޔޮ. އައި ހޭޓް ހާ. މާ ދީން އެނގޭ މީހަކަށްވެގެން އޭނާ ދިފާއުކުރަން ތަޤްރީރު ދޭނެކަމެއްނެތް. ތި ދެ މީހުން ގުޅޭން މި ހިތެއް ހެވެއްނުވާނެ. އަހަންނާއެކު ރިލޭޝަންޝިފަކަށް އެންމެ ޗާންސެއް ވެސް ޒެން ނުދޭ. އަހަރެމެން ދެ މީހުންގެ ގުޅުން ވޯކް ކުރިޔަސް ނުކުރިޔަސް ބުނާން އެނގޭނީ ކިހިނެއް. ފަހަރެއްގަ އެ ޗާންސް ދިންނަމަ އަހަރެންގެ ފަރާތުން ޒެން ގަޔާވާ ސިފަތަކެއް ފެނުމަކީ ވެދާނެ ގޮތެއްނު. ލޯބިވެސް ވެވިދާނެ... ބަޓް ޔޫ އިގްނޯޑް މައި ފީލިންގްސް. ރިޖެކްޓް މީ. އައި ހޭޓް ޔޫ ބޯތް." ގަސްދުގައި ހޫރައިންގެ ނަން ނުބައިކޮށް ކިޔުމާއެކު ހިތުގެ އުދާސްގަނޑު ރަހުމާ ދެބުމަގޮށްޖަހަލާއިގެން ހުރެ ބޭރުކޮށްލިއެވެ. އެކަމުން ޒެހެންއަށް އަސަރެއް ކުރާނޭ ހީކުރިޔަސް އެފަދަ އަސަރެއް އެ މޫނުން ނުފެނެއެވެ. ރުޅި ކޮންޓްރޯލުކޮށް ބާރަށް އެއްޗެއް ނުބުނެވޭތޯ ޒެހެން އުޅޭ ކަހަލައެވެ. އެއްވެސް އަސަރެއް ޒެހެންއަށް ނުކުރާތީ ރުޅިއާއި އެއްވަރަށް ރަހުމާގެ ހިތަށް ވެސް ތަދުވިއެވެ.
ރަހުމާއާއި ޒެހެންއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ހޫރައިންއަށް އަޑުއިވުނެވެ. އެ ދެ ލޯ ވަނީ ކަރުނުން ތެމިފައެވެ. ކައިވެންޏާ މެދު ޔަގީންނުވެ ޒެހެންއާ މެދު ހިތުގައި އުފެދުނު ހުރިހާ ސުވާލަކަށް ހޫރައިން އެދުނު ފަދަ ޖަވާބެއް އިވިގެން ހިނގައްޖެއެވެ. އޭނާ އެ ސުވާލުތައް ކުރުމެއްނެތި އެކަމަށް ޖަވާބު ލިބޭނޭ ގޮތް މިންވަރު ކުރެއްވި ރަސްކަލާނގެ ކުޅަދުންވަންތަކަން އެހިތް ރޮއްވާލައިފިއެވެ. ޙަމްދާއި ޝުކުރުން ހިތް ފުރިގެން އައިއިރު ދެ ލޯ ކަރުނުން ފުރި ބަންޑުންވަނީއެވެ. ހުރިދިމާއަށް ތިރިވުމާއެކު ހޫރައިން ސަޖިދަ ޖެހިއެވެ. ޝުކުރުގެ ސަޖިދައެވެ. އެހިތަށް އެފަދަ ޔަގީންކަމެއް ﷲ ދެއްވީތީއެވެ. ކުރިމަތިލުމުގެ ހިތްވަރު ދެއްވީތީއެވެ. މިއަދު ޒެހެންއާ ބައްދަލުވީއިރު ކަންތައް ހިނގައިދާނީ ކިހިނެއްކަމެއް ކުޑަކޮށް ވެސް ލަފާކުރާކަށް ހޫރައިންއަށް ނޭނގެއެވެ. ރަހުމާގެ ކުރިމައްޗަށް އަރާން ނުޖެހި ގެއްލިފައިވި ހިތުގެ ސާބިތުކަމާއި ދާންވީ މިސްރާބު ދައްކަވާ ފައިސަލާ ނިންމަންވީ ގޮތާމެދު ﷲ ހޫރައިންއަށް ޔަގީންކަން ދެއްވި ގޮތުގެ ފުރިހަމަކަމެވެ.
"ހޫރް..." ޒެހެން ގޮވާލި އަޑު އިވުނެވެ.
ސަޖިދައިގަ އޮވެފައި ހޫރައިން ތެދުވިއެވެ. ދެ ލޯ ފުހެލިއެވެ. މަޑުމަޑުން ދޮރުކަންޏާ ކައިރިވެލައި ބޯއަރިކޮށް މޫނުގެ އެއްފަޅި ފެންނާނޭ ހެން ބަލާލިއެވެ. އެހިނދު ރަހުމާ ހިނގައްޖެކަމާއި ބޭރަށް ނުކުތުމަށް ޒެހެން އެދުނެވެ.
"ކީއްވެ ރޮނީ. ރަހުމާގެ ހަގީގަތް އެނގިއްޖެއެއްނު. ހޫރް ހުރިކަން އެނގޭނަމަ އޭނާގެ ކަންތައް ބޮޑުކޮށްލާނޭކަން އެނގޭ. އެކަމަކު އޭނާއާ އެކަނި ބައްދަލުކުރީމަ ހޫރްއަށް އެއްވެސް ކަމެއް ނޭނގޭނެ. އެހެންވެ މިހެން ހެދީ. މިހާރު ޔަގީންވެއްޖެއެއްނު. އެއީ އިތުބާރުކުރާވަރު މީހެއްނޫން. އަހަރެން އެއްވެސް އިރަކު އޭނާދެކެ ލައިކްއެއްނުވޭ." ޒެހެން ބުންޏެވެ. އިސްއޮބާލުމާއެކު ހޫރައިންއަށް މަޑުމަޑުން ބޯހޫރާލެވުނެވެ. އެ ދެ ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ. އޭނާއަށް ރަހުމާގެ ވާހަކައަށްވުރެ މުހިންމީ ޒެހެން ދެއްކި ވާހަކައެވެ. ޔަގީންކަން އިތުރުވީ ޒެހެންއާ މެދުއެވެ. ހަގީގަތް އެނގެން ވެސް ބޭނުންވީ ޒެހެންގެ ފަރާތުންނެވެ. އޭނާ ހޫރައިންއާ މެދު ވިސްނާވަރު އެނގި ސާފުވެއްޖެއެވެ. އެ ޖަޒުބާތުތަކުގައިވާ ސާފުކަން އިހްސާސް ވެސް ކުރެވިއްޖެއެވެ. އޭނާއާއި ދަރިފުޅު ކޮންމެހާލެއްގައި ވެސް ބަލައިގަންނަން ޒެހެން ތައްޔާރަށް ހުރިކަން އެނގިއްޖެއެވެ. އަދި އެމީހުން ރައްކާތެރިކުރާނެކަމުގެ ޔަގީންކަން ޒެހެން ދީފިއެވެ.
"ހޫރް ޕްލީޒް... ވީގޮތެއް ނުބުނެ ރޮންޏާ. އަހަރެން ލައްވާ ގޯހެއް ހަދުވަންތަ ހޫރް ބޭނުމީ. ތިހެން ރޯއިރު ކިހިނެއް ދުރުގަ ހުރެވޭނީ." ޒެހެން ބުނެލިއެވެ. ހޫރައިން އެއްއަތުން ލޯ ފުހެލިއެވެ. އިސް އުފުލައި ބަލާލިއެވެ. ޒެހެން ހިނިތުންވެލިއެވެ. ބޮލުންކޮށްލި އިޝާރާތުން ވީކިހިނެއްކަން ބުނާށޭ ޒެހެން އަހާލި ފަދައެވެ.
"މަންމަ... އަހަރެންގެ މަންމައާ... މީޓްކުރަން އާދެވިދާނެތަ." ޖެހިލުންވުން އެކުލެވިފައިވި މަޑު އަޑަކުން އަޅައިގަންނަމުން ހޫރައިން ބުނެލިއެވެ. (ނުނިމޭ)