ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މައުމޫނާ ރައީސް ސޯލިހުގެ ތަފާތެއް ނެތް: ޑރ. ޖަމީލު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންގަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިންގެވި މަގަަކުން ކަމަށާއި ދެ ބޭފުޅުންގެ ތަފާތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިފަދައިން ވިދާޅުވީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓުތަކެއްގަ އެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު ވެސް މަހުލޫފް ވަޒީރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އުޅުއްވުމާއި އެންޓި ކޮަރަޕްޝަން ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދިން ފަހުން އެ މަގާމުތަކަށް އެއްވެސް ބޭފުޅަކު މިހާތަނަށް ވެސް އައްޔަނުނުކޮށްފައިވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އޭސީސީ އެކުލަވާނުލާ އެތައްދުވަހެއް. އެތައްކަމެއް ބެލޭނެ ގޮތެއް ނެތް. ވަޒީރުގެ މައްޗަށް ޖިނާއީ ދައުވާ ކުރިއަށްދާއިރު ގޮވައިގެން ކުރިޔަށް. ކޮރަޕްޝަނާ ދެކޮޅަށް ކިހާ އިހުލާސްތެރި؟" ޑރ. ޖަމީލުގެ ޓުވީޓުގައި ވެއެވެ.

ޑރ. ޖަމީލު ދެން އެންމެ ބޮޑަށް ފާޑުވިދާޅުވީ އދ. އާންމު މަޖިލީހުގެ ރައީސްކަމާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުﷲ ޝާހިދު އަށެވެ.

އެގޮތުން އދ. ގެ އިވެންޓެއްގައި ޣައިރު ދީނުގެ އަޅުކަމެއްގައި ޝާހިދު އުޅުއްވާ ފޮޓޯއެއް ޕޯސްޓުކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ޝާހިދުގެ އަމަލަކީ ޢައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

ރިސޯޓުތައް ހަދަން ނުއަގުގައި ރަށްތައް ވިއްކަން މި ސަރުކާރުން އިއުލާންކޮށްފައިވާތީ އެކަން ވެސް ޖަމީލު ފާހަގަކުރެއްވި އެވެ. އަދި ރަށްތަކުގެ ހަމަ އަގު ނުލިބޭ ކަމަށް ބުނެ ކަމިޝަން ހެދުމަށް ފަހު އެޕާޓްމަންޓަކަށް ވުރެ ހެޔޮ އަގުގައި
ރަށްތައް ދޫކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި ދެކޮޅު ނުޖެހޭކަން ކަމަށް ސިފަކުރެއްވި އެވެ.

އެހެންކަމުން ރައީސް މައުމޫންގެ ވަރިކަމުގައި ގެންގުޅުއްވި ސިޔާސަތާ ރައީސް ސޯލިހު ގެންގުޅުއްވަމުންދާ ސިޔާސަތާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

"މިއީ ރައީސް މައުމޫން ވެސް އުޅުއްވިގޮތް. ނިޒާމު ފުނޑާލާ ބޮޑާވުން. ގާނޫނަށްވުރެ މަތިން އުޅުއްވުން. ވަގުތު އަރާ ހަމަކުރާނެ" ޖަމީލު ވިދާޅުވި އެވެ.