އެމްޑީޕީ

ސުކޫލް މާހައުލުގައި މޫނު އެޅުމާ ދެކޮޅު: އެމްޑީޕީ

މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުން ކިޔަވައިދޭ ވަގުތު މޫނު އަޅައިގެން ތިބެވެން ޖެހޭނެ ކަމަށް ބުނާ ބުނުމާ ދެކޮޅަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދެކޮޅު ހަދައިފި އެވެ.

އެކަމުގައި އެމްޑީޕީގެ ވިސްނުން ހާމަކޮށް މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި މުޖުތަމައުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮން ބައެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާ ގޮތަށް ތިބުމަށް ބޭނުންވާ ބައެއް ކަމަށެވެ.

އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަމުން ގެންގޮސްފައިވާ ކަމެއް ކަމަށެވެ. ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށް ވާއިރު ކިޔަވާ ދިނުމުގައި ދަރިވަރުންނާ ބައްދަލުވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަގީންވާން ޖެހޭނެ ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.

އެމްޑީޕީން ބުނީ މޫނު އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހުން ކަމަށް ސިފަކުރާ ކަމަށާ އެއީ ކަންބޮޑުވުމެއް ކަމަށެވެ.