ސިޔާސީ ހަރަކާތްތަކަށް ސްކޫލުތަކުގެ އިސްވެރިން ހުރަސްއަޅާނަމަ އިހްތިޖާދަކަށް ނިކުންނަވާނެ ކަމުގެ އިންޒާރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
ރައީސް ނަޝީދު މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގައި މިއަދު ބ. ހިތާދޫއަށް ވަޑައިގެން އެރަށުގައި ތިއްބެވި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކެމްޕޭން ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގަންނަވާއިރު ކުއްލިއަކަށް އެރަށްރަށުގައި ބެލެނިވެރިންގެ ބައްދަލުވުންތަކާއި ސްކޫލު މުވައްޒަފުންގެ ބައްދަލުވުންތައް ބާއްވާ ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ކެމްޕޭނަށް ހުރަސްއެޅޭ ގޮތަށް މިފަދަ ބައްދަލުވުންތައް އިންތިޒާމު ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ރަށަކަށް ދާއިރު އެޑިޔުކޭޝަން މިނިސްޓްރީން އެބަ ޕޭރެންޓް ޓީޗާ މީޓިން ބާއްވާ އަޅުގަނޑު ދާ ކޮންމެ ގަޑިއެއްގައި. މިއަށްވުރެ ހެއްވާ ކަމެއް މިކަމަކު ނެތް." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކުއްލިއަކަށް ބެލެނިވެރިންގެ ބައްދަލުވުންތައް ބޭއްވުމަކީ ތައުލީމީ ކަންކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުން ކަމަށެވެ. އަދި ސްކޫލްތަކުގެ ޕްރިންސިޕަލުން ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމަށް ހީލަތްތެރިކަމާއެކު މިފަދަ ރޭވުންތަކެއް ރާވައިފިނަމަ އެ މީހަކު މަގާމުން ވަކިކުރަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މި ގެންދަނީ ތައުލީމީ ކަންކަމުގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދާށޭ،" ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ހަރަކާތްތަކަށް ސްކޫލުތަކުން ހުރަސްއަޅަމުން ގެންދާނަމަ އިހްތިޖާދަކަށް ނިކުންނަންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވި އެވެ. އަދި ސްކޫލުތަކުގެ ތެރޭގައި ހިންގާ ސިޔާސީ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވާލެއްވި އެވެ.
"މިހާރު އެކަން ކޮށްފައިވާ ޕްރިންސިޕަލަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރަށް ތަކުރާރުކޮށް ދަންނަވަން މިކަމުގައި ކަމަނާ ފިޔަވަޅު އަޅުއްވާ ދެއްވަން" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.