މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކިޔަވައިދޭ ވަގުތު މޫނު އެޅުން މަނާކުރި ސަބަބު ސާފުކޮށްދީފި

ކިޔަވައިދޭ ވަގުތު ދަރިވަަރުންނަށް މޫނު ފެންނާހެން ތިބުމަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވުމާއި ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަަނީ މޫނުބުރުގާ އަޅައިގެން ސުކޫލުތަކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މޫނު އަޅައިގެން ސުކޫލުކުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ޖަނަވަރީ 2019 އިން ފެށިގެން މި ސަރުކާރުން ކަމަށެވެ. އޭގެ ކުރީން ސުކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ. ސަރުކާރުން ދިން ހުއްދައާއެކު މިވަގުތު ސުކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރޭގައި މޫނު ބުރުގާ އަޅާ މީހުން ހިމެނޭ ކަމަށާ އެފަދަ މުވައްޒިފުންނާމެދު އެއްވެސް ތަފާތު ކުރުމެއްވެސް ނުގެންގުޅޭ ކަމަށެވެ.

އަދި 2019 ވަނަ އަހަރު އެންގި އެންގުމަށް އެއްވެސް ބަދަލެއްވެސް ގެނެސްފައިނުވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށް ކަމަށެވެ. އެއީ ލޮލާއި އަނގަޔާއި މޫނު މަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމްވުމުގައި އެކަންކަން މުހިންމު ދައުރެއް އަދާކުރާތީ ކަމަށެވެ.

"އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުންގެ ނޮންވާބަލް ބިހޭވިއާ މުހިންމު ދައުރެއް އަދާކުރާތީ އެވެ. އަދި މި ގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވުމާއި ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކައެވެ،"

މި ދުވަސްވަރު މާސްކު އަޅައިގެން އުޅެން މަޖުބޫރުކޮށްފައިވުމާއި އެޑިއުކޭޝަންގެ މި ސިޔާސަތާ ތައާރުޒުވާތީ އަމާޒުވާ ފާޑުކިޔުންތަކަށްވެސް މި ބަޔާނުގައި ޖަވާބުދީފައި އޮތެވެ. އެ މިނިސްޓްރީން ބުނީ މި ދުވަސްވަރު ޓީޗަރުން މާސްކު އަޅަން އަންގާފައިވަނީ ސިއްހީ ގޮތުން ދިމާވެފައިވާ ހާއްސަ ހާލަތްތަކާ ގުޅިގެން މަޖުބޫރީ ހާލަތު މެދުވެރިވުމުން ކަމަށެވެ.