މޯލްޑިވްސް ނޭޝަނަލް ޕާޓީ

މޫނުބުރުގާ އެޅުމަކީ މަސައްކަތް ކުރަން ހުރަހަކަށް ވެގެން ނުވާނެ: އެމްއެންޕީ

މޫނު ބުރުގާ އެޅުމަކީ ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގަކަށް ނުވަތަ މިނިވަން ކަމަކަށް އުނިކަން އަންނަން ޖެހޭނެ ސަބަބެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބެން ލާޒިމު ކުރުމަށް ފަހު ކަމަށްވާތީ އެކަމާ ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އަދި އެއީ މޫނު އަޅައިގެން ކިޔަވައިދޭ ޓީޗަރުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެޑިއުކޭޝަންގެ ނިންމުން ދިފާއުކޮށް ބަޔާނެއް ނެރެފައިވަނިކޮށް އެމްއެންޕީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު މޫނު ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ ކަމެއްކަމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވީނަމަވެސް މޫނު ބުރުގާ އެޅުމަކީ ލާޒިމްކަމެއް ކަމަށް ދެކޭ ރައްޔިތުން ދިވެހިރާއްޖޭގައި ދިރިއުޅޭ ކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އެހެންކަމުން މޫނު ބުރުގާ އެޅުމަކީ އެކަން ކުރާ ބަޔަކަށް ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގަކަށް ނުވަތަ މިނިވަން ކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް އެމްއެންޕީން ނުދެކޭ ކަމަށް ބުންޏެވެ.

"އަދި މި ޕާޓީން ގަބޫލުކުރާ ގޮތުގައި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެއެވެ،"

އެ ބަޔާނުގައި ބުނީ މިފަދަ ކަމެއް މަނާކޮށް އެއްވެސް މީހެއްގެ ހައްގެއް ހިފަހައްޓާނަމަ އެކަން ކުރަންވާނީ މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށެވެ.