ދުނިޔެ

ގުރީކުން އޯޑަރުކުރި ރަފާލް ޖެޓްތައް ޑެލިވާ ކުރަނީ

ފްރާންސްގައި އުފައްދާ ރަފާލް މަރުކާގެ 24 ޖެޓް، 3.03 ބިލިއަން ޑޮލަރަށް ގުރީކަށް ވިއްކަން ފުރާންސުން އެއްބަސްވީ ފާއިތުވި އަހަރު ޖެނުއަރީގަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ ހަ ޖެޓެއް ގުރީކް އެއާ ފޯސްއާ މިހަފުތާގައި ފްރާންސުން ހަވާލު ކޮށްފި އެވެ.

ގުރީކު އަސްކަރިއްޔާ ވަރުގަދަ ކުރަން ފްރާންސުން އަސްކަރީ އުޅަނދު ގަންނަން ދިން އޯޑަރު އަދި އިތުރުކުރާނެ ކަމަށް ބުނެވެ އެވެ. އަނެއްކޮޅުން އިޒްރޭލްގައި އުފައްދާ އަސްކަރީ ފެންވަރުގެ އާލާތްތައް ގުރީކަށް ލިބޭ ގޮތަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް އޮތީ ގައިމުކޮށްފަ އެވެ.

އިޒްރޭލާ ގުޅިގެން ކުރީކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ރަފާލް ޖެޓްތަކަށް ޚާއްސަ ޕައިލެޓުން ތަމްރީންކުރުމާއި ޖެޓްތަކަށް ޚާއްސަ ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރާނެ އެވެ.

ގުރީކާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެމެދު ވެސް ދިފާއީ އެއްބަސްވުމެއް އޮވެ އެވެ. އެހެން ނަމަވެސް ޔޫއޭއީއާ ގުޅިގެން ގުރީކުން ކުރަން އުޅެނީ ކޮން ކަމެއްކަން މީޑިއާއަށް ތިލަކޮށްފައެއް ނުވެ އެވެ.

ގުރީކާއި ފްރާންސާ ދެމެދުވި އެއްބަސްވުމުގައި މުޅިން އާރަފާލް ޖެޓްތަކެއް ގުރީކުން ގަންނާނެ އެވެ. އަދި މިހާރު ބޭނުންކުރާ ފައިޓަރު ޖެޓްތަަކުގެ ފެންވަރު މަތިކޮށް ޒަމާނަށް ފައްތާނެ އެވެ.

ގުރީކުން އަސްކަރިއްޔާ ވަރުގަދަކޮށް ކަނޑުގެ ސިފައިންނަށް ޒަމާނީ މަނަވަރާއި އުޅަނދު ހޯދައިދޭން މަސައްކަތް ފަށާފައި ވަނީ ތުރުކީއާ ވާދަކުރަން ކަމަށް ވެސް ބުނެވެ އެވެ. ތުރުކީން މިހާރު އަމިއްލައަށް އުފައްދާ އަސްކަރީ އުޅަނދުތައް އެކުވެރި ގައުމުތަކަށް ވަނީ ވިއްކަން ފަށާފަ އެވެ.

ކަޅުކަނޑު ސަރަހައްދުގައި އެމެރިކާއަށް ބަރޯސާކުރެވޭ އަސްކަރީ ބާރެއް އޮތުމަކީ އެމެރިކާ އެދޭ ގޮތެއްވެސްމެ އެވެ. އެމެރިކާގެ ރުހުމާއެކު ގުރީކު އަސްކަރިއްޔާ ވަރުގަދަކުރަމުން ގެންދާއިރު އެމެރިކާއިން ވަނީ ގުރީކުގައި ހުންނަ އެގައުމުގެ ހަތިޔާރު ގުދަންތައް ވެސް ޒަމާނަށް ފައްތައި ހިސާބުކިތާބު ހަމަޖައްސާފަ އެވެ.