ދުނިޔެ

ތުރުކީއާ ދެކޮޅަށް ފިޔަވަޅުއަޅަން ގުރީކުން އެދެނީ

ތުރުކީ މަސްވެރިން ގަވާއިދާ ޚިލާފަށް ގުރީކު ކަނޑުން މަސްބާނާ ކަމަށް ވިދާޅުވެ -- ތުރުކީއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު، ނިކޮސް ވެންވިއާސް -- ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތާ ބެހޭ ސަފީރު، ޖޯފެސް ބޮރެލްއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ގުރީކު ކަނޑުތަކުގައި ތުރުކީ މަސްވެރިން ހަރަކާތްތެރިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަމަށް ގުރީކު މިނިސްޓަރު ފޮނުއްވި ސިޓީގައި ޝަކުވާކުރައްވާފައި ވެއެވެ.

ތުރުކީ މަސްވެރިން ދުރައްޖެއްސުމުގައި ގުރީކު ސިފައިންނަށް ކިރިޔާވެސް ކުރެވޭ ކަމެއްގެ ސަބަބުން ތުރުކީ ފަޅައިގެން ގޮސް ގުރީކަށް ހަމަލާއެއް ދީފާނެ ކަމަށާއި -- އޭރުން ތުރުކީއަށް ދައްކާނެ ސަބަބެއް ވެސް އޮންނާނެ ކަމަށް ގުރީކު ވަޒީރު ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަނުން ގަވާއިދެއް ކަނޑައަޅައި އެއަށް އަމަލުކުރުމަށް ތުރުކީއަށް އެންގުމަކީ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ގުރީކު ފޮރިން މިނިސްޓަރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އޭނާ އަދި ވިދާޅުވީ އެ ގަވާއިދު ތަންފީޒުކުރަން ތުރުކީ ދެކޮޅުހަދައިފި ނަމަ، ތުރުކީ މަސްވެރިންގެ އުފެއްދުންތައް ޔޫރަޕިއަން ޔޫނިއަންގެ މާކެޓްތަކުން ނުގަންނަ ގޮތް ވެސް ހެދިދާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އޮތީ ގުރީކާ އެކުކަން ދުނިޔެއަށް ސާބިތުކޮށް ދިނުމަށްޓަކައި ވެސް މިފަދަ ފިޔަވަޅެއް މިހާރު އަޅަންޖެހިފައިވާ ކަމަށް ނިކޮސް ވެންވިއާސް ވިދާޅުވި އެވެ.

ނިކޮސް ވެންވިއާސް ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ ފަހެއްގައި ވެސް ތުރުކީ މަސްވެރިންނާ ކަނޑުމަތިން ކުރިމަތިންލާން ވަނީ ޖެހިފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ތުރުކީ މަސްވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ތުރުކީ އަސްކަރިއްޔާގެ އެއްބާރުލުން އޮވެގެންނެވެ.

ތުރުކީ އާއި ގުރީކާ ދެމެދު ކަނޑުގެ ސަރަހައްދެއްގެ މައްސަލައިގައި ހިޔާލުތަފާތުވުން އުފެދިފައި އޮންނަތާ ޒަމާންތަކެއް ވަނީ ވެފަ އެވެ. ބައެއް ފަހަރު ގުރީކު ޖެޓުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުން މައްސަލައަކަށް ވާއިރު -- ގަވާއިދާ ޚިލާފަށް ގުރީކަށް އަރަން މަސައްކަތްކުރާ ރެފިއުޖީންގެ މައްސަލަތައް ވެސް ދެގައުމުގެ ގުޅުން ކިލަނބުކޮށްލަ އެވެ.