ދުނިޔެ

ގުރީކާ ހެދި ކެތްތެރިކަން ކޮޅުންލާފާނެ: އުރުދުޣާން

ގުރީކުން ނުސީދާކޮށް ތުރުކީއަށް ޖެއްސުންކުރާކަން އެނގިވަޑައިގަންނަވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އެޖިއަން ކަނޑުގެ ރަށްތައް ބޭނުންކޮށްގެން ގުރީކުން ތުރުކީ ޖެޓްތަކަށް ގޯނާކުރާ ކަމަށް ފާހަގަކުރައްވާ އުރުދުޣާން ވިދާޅުވީ އެކަމަށް އޮތް ސުލްހަވެރި ހައްލަކީ ކަމެއް ދަމެއް ގޯސްވުމުގެ ކުރިން އެފަދަ އަމަލުތައް ހުއްޓާލުން ކަމަށެވެ.

އެނޫން ގޮތެއްގައި ދެން އޮތް ގޮތް ކަމަށް އުރުދުޣާން ވިދާޅުވީ އަލިވިލޭއިރު ގުރީކުގެ ބާރުތަކަށް ކޮންމެވެސް ގޮތެއްވުން ކަމަށެވެ.

"ރަނގަޅު ވަގުތު ބަލާފައި ތުރުކީން ރޭނގަނޑު ދަންވަރު ނުކުމެދާނެ އަދި ބަދަލުވެސް ހިފާނެ،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ކުރީގެ ރާޑަރުތައް ތުރުކީ ޖެޓުތަކަށް އަމާޒުކޮށް ހަމަލާދޭން އުޅޭ ބީދައަށް ހަރަކާތްތައް ބަދަލުކުރުމަކީ ނުރައްކާ ނިޝާނެއް ކަމަށެވެ.

ގުރީކު އަސްކަރިއްޔާގައި ތުރުކީ ޖެޓްތަކަށް ބިރުދެއްކޭ ފެންވަރު ހުރި ނަމަ ތުރުކީގައި އެ ފެންވަރު ހުރިތޯ ބެލިދާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީ އަޅާނެ ވަކި ފިޔަވަޅެއް އުރުދުޣާން ވިދާޅެއް ނުވެ އެވެ. އެހެންނަަމަވެސް ރާގު ހުރީ އަސްކަރީ ހަމަލާއެއް ދޭން ޖެހިދާނެ ގޮތަށެވެ.

ގްރީސްގެ އަމަލުތައް ހުރި ގޮތް ބަޔާންކޮށް ތުރުކީން ވަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު 25 ގައުމުތަކަށް ރިޕޯޓެއް ފޮނުވާފަ އެވެ. އަދި އީޔޫގެ ފޮރިން ޕޮލިސީ ސަފީރު ޖޯސެފް ބޮރެލްއަށް ވެސް ވަނީ ލިޔުމުން ދަންނަވާފަ އެވެ.

އެ ސިޓީގެ ކޮޕީއެއް އދ.ގެ ސެކިޔުރިޓީ ކައުންސިލަށް އަދ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ވެސް ވަނީ ފޮނުވާފަ އެވެ.

ތުރުކީން އެދިފައިވަނީ އޭޖިއަން ކަނޑުގައި ގުރީކުގެ އަމަލުތައް ހުރި ގޮތް އިންސްޕެކްޓަރުން ބައްލަވައި ހައްލުކޮށް ދިނުމަށެވެ.