ދުނިޔެ

އިޒްރޭލުން 3.4 ބިލިއަން ޑޮލަރުގެ ސަބްމެރިން ޑީލެއް

އިޒްރޭލަށް ބޭނުންވާ ބަދަލުތަކާއެކު ޖަރުމަނުން ސަބްމެރިން އުފައްދައި ދެނީ އެވެ. އިޒްރޭލާއި ޖަރުމަން ސޮއިކުރި 3.4 ބިލިއަން ޑޮލަރުގެ ޑީލްގައި ހިމެނެނީ ތިން ސަބްމެރިން އެވެ.

ސަބްމެރިންތަކުގައި ގައިމުކުރާ ބައެއް ޓެކްނޮލޮޖީ އަދި ދުނިޔޭގައި ވެސް ނެތް ކަމަށް ބުނެވެ އެވެ. އެކަން ސާބިތު ވަނީ އިޒްރޭލުން އޯޑަރު ކުރި ތިން ސަބްމެރިންގެ ތެރެއިން ފުރަތަމަ ސަބްމެރިން ނިންމައި ޑެލިވާކުރަން ނުވަ އަހަރު ދުވަސް ދީފައި ވާތީ އެވެ.

ޖަރުމަނާއެކު ސަބްމެރިން ޑީލް ހެދުމަށް އިޒްރޭލުން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ކުރިއަށް ނުގެދެވި އޮތީ ޑީލްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ގާނޫން ހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލައެއްގެ ސަބަބުންނެވެ.

ޖަރުމަންގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް އިޒްރޭލަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި މި ޑީލާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް މީޑިއާގެ ސަމާލު ކަމަށް ގެނެސްފައެއް ނުވެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓާއެކު މާކެލް ފަރިއްކުޅުއްވައި މަޝްވަރާ ކުރެއްވުމުގައި ސަބްމެރިން ޑީލާ ކުރިއަށް ގެންދާ ގޮތަށް ވާހަކަ ދެކެވުނު ކަމަށް އިޒްރޭލު ނޫސްތަކުން ކުރިން ވަނީ ބުނެފަ އެވެ.

އިޒްރޭލުން ބާރުގަދަ ހަތިޔާރު ހޯދައި ކަނޑުގެ ސިފައިން ވަރުގަދަ ކުރުމުގެ ބޭނުމަކީ އީރާން މައިތިރި ކުރުމެވެ. ބެލެވޭ ގޮތުގައި ސަބްމެރީންތައް އުފައްދަނީ ބޭނުން ކޮންމެ ސަރަހައްދަކުން މިސައިލް އަމާޒު ކުރެވޭ ގޮތަށެވެ.

މި ޕްރޮޖެޓަށް ހިނގާ ޚަރަދުން ބައެއް ޖަރުމަނުން ދައްކައިދޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ. އެއީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގޮތުން އެއްބާރުލުމަށް ވެފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ.