ލައިފްސްޓައިލް

މެލޭޝިޔާ މީހަކު 166 ފަހަރަށް ލޭ ދީ ނަމޫނާ ދައްކައިފި

މެލޭޝިޔާގެ ކޮތަ ބާރޫގައި ދިރިއުޅޭ މީހަކު މިހާތަނަށް 166 ފަހަރު ލޭ ދީފި އެވެ. އަދި އޭނާ މިހާރު ދަނީ 167 ވަނަ ފަހަރަށް ލޭ ދިނުމަށް ތައްޔާރު ވަމުންނެވެ.

އިބްރާހީމް މަތު ތާއިބު ބުނި ގޮތުގައި އޭނާ އުމުރުން 27 އަހަރުން ފެށިގެން އޭނާ ގަވާއިދުން ލޭ ދެއެވެ. ކޮތަ ބާރޫގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އިބްރާހީމްގެ މަސައްކަތަކީ އެ ހޮސްޕިޓަލުގައި މަރުވާ މީހުން ސަހަރާއަށް ގެންގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.

ލޭ ދޭން ފެށުމުގެ ކުރިން އިބްރާހީމަކީ އިންޖެކްޝަން ކަށި ދެކެ ވަރަށް ބިރުގަންނަ މީހެކެވެ. ނަމަވެސް ލޭ ދޭން ފެށުމާއެކު އެ ބިރުވަނީ ކެނޑިފަ އެވެ. ބިރު ކަނޑުވާލާފައި އޭނާ ލޭ ދޭން އިސް ނެގި ސަބަބު ވެސް އިބްރާހިމް ކިޔައިދިނެވެ.

އިބްރާހިމް ބުނި ގޮތުގައި އެކަން ފެށުނު ގޮތަކީ އޭނާގެ ވަރަށް ގާތް އެކުވެރިޔަކު އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ އޭނާއަށް ކުއްލިއަކަށް ލޭ ހޯދަން ޖެހުމުންނެވެ. އެ ދުވަސްވަރު އެކުވެރިޔާގެ އާއިލާގެ އެއްވެސް މީހަކަށް ވެސް އެހެން އެކުވެރިޔަކަށް ވެސް އޭނާއަށް ލޭ ދޭކަށް ނުކެރުނު ކަމަށާއި ލޭ ލިބޭނެ އެހެން އެއްވެސް ގޮތެއް ނެތިގެން އޭނާ އިސްވެ ލޭ ދިނީ ކަމަށެވެ.

އިބްރާހިމްގެ ގައިގައި ވެސް ހުންނަނީ އޯ ޕޮޒިޓިވް ކަމަށް ވެފައި އެކުވެރިޔާގެ ވެސް ލޭގެ ގްރޫޕަކީ އޯ ޕޮޒިޓިވް ކަމުން ދެމީހުންގެ ކްރޮސްމެޗު ދިމާވެ ލޭ ދެވޭގޮތް މެދުވެރިވީ އެވެ.

އޭގެ ފަހުން އިބްރާހިމް މަސައްކަތްކުރާ ހޮސްޕިޓަލުގައި ލޭ ނުލިބިގެން އުޅޭ ފަހަރު ފަހަރު އޭނާ ލޭ ދޭން ފެށި ގޮތަށް ލޭ ދިނުން އާދައަކަށް ވީކަމަށް އިބްރާހީމް ބުންޏެވެ.

އަމިއްލަ އަށް ލޭ ދިނުމުގެ އިތުރުން އެކުވެރިންނާއި އާއިލާގެ މީހުންނަށް ވެސް އޭނާ މިކަމަށް ވަރަށް ބާރު އަޅާ ހިތްވަރު ދެއެވެ. އޭނާ ބުނަނީ ފުރަތަމަ ފަހަރަށް ލޭ ދޭއިރު ކުޑަކޮށް ތަދުވެ ބިރުގަންނާނެ ކަމަށާއި ގަވާއިދުން ލޭ ދޭން ފެށުމުން ހުރިހާ ބިރަކާއި ތަދެއް ނެތިގެން ގޮސް އެކަމަކީ މަޖާ ތަޖުރިބާއަކަށް ވާނެ ކަމަށެވެ. އަދި އެމީހާގެ ގައިގައި ހުރި ލޭ ހަދިޔާ ކޮށްގެން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމަކީ އެހެން ހުރިހާ އުފަލަކަށް ވުރެ ބޮޑު އުފަލެއް ކަމަށް އިބްރާހީމް ދެކެ އެވެ.