ލައިފްސްޓައިލް

މެލޭޝިޔާއިން އިންޑިއާއަށް ދިޔަ މީހެއްގެ ދަބަހުގައި 22 ހަރުފަ

މެލޭޝިޔާގެ ކުއާލާ ލަމްޕޫރުން އިންޑިއާގެ ޗެންނާއީ އަށް ދަތުރުކުރި އަންހެނެއްގެ ފޮށިން 22 ހަރުފަ އާއި ކެމޭލިއަން އެއް ފެނިއްޖެ އެވެ.

މިއެއްޗެތި މި މީހާގެ އަތުން ފެނުނީ ކަސްޓަމްސް އޮފިޝަލުންނަށް މީނާ އުޅޭ ގޮތުން ޝައްކު ވެގެން އޭނާގެ ފޮށިތަންމަތި ޗެކް ކުރުމުންނެވެ.

މި އެއްޗެތި ހުރީ އޭނާ ޗެކްކޮށްފައި ދޫކޮށްލި ބެގޭޖްގަ އެވެ. އެއާޕޯޓްގެ ސެކިއުރިޓީ އޮފިޝަލުން މި މީހާގެ ފޮށީ ބަލައި ފާސްކޮށް އެ ހަރުފަތައް ނަގަނިކޮށް ނަގާފައިވާ ވީޑީއޯ އެއް މިހާރު ސޯޝަލް މީޑީއާގައި ވަނީ ވައިރަލް ވެފަ އެވެ. މި ވީޑީއޯ އިން ފެންނަނީ ތަފާތު ވައްތަރުގެ ބޮޑެތި ހަރުފަތަކެއް އެ މީހާގެ ފޮށީން ނެގުމުގެ މަސައްކަތް ސެކިއުރިޓީ އޮފިޝަލުން ކުރާ މަންޒަރެވެ.

މި މީހާ ޗެންނާއި އަށް ދިޔައީ ފާއިތުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މި މީހާގެ ފޮށިން މި ތަކެތި ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ކޯޓުން މިހާރު ވަނީ ދެ ހަފުތާގެ މުއްދަތަށް ޖުޑިޝަލް ކަސްޓަޑީއަށް ފޮނުވާފަ އެވެ.