ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވާތީ އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ފޯކައިދޫގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. މި ޖަލްސާގައި ދެ ރައީސުން ވާހަކަދައްކަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމަށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ނަމަވެސް އޭރު ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އެ ޖަލްސާގައި އިއްވީ ރައީސް ނަޝީދުގެ އޯޑިއޯ މެސެޖެކެވެ. އެހެންކަމުން މާދަމާ ރޭގޭ ޖަލްސާ އަކީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް ފަހު ދެ ރައީސުން އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި އެކުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ފޯކައިދޫގައި ބާއްވާ ޖަލްސާ އަށް ތައްޔާރުވަމުންދާއިރު އެ ޖަލްސާގައި ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް އެ ޖަލްސާގައި ބައިވެރިވާނެ އެވެ.
ކޮމަންޑު ދާއިރާގެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ސަރުކާރުން ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފަ އެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެފަދަ ޝަކުވާއެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންްސް ކޮމިޝަނުން ބުނެ އެވެ. އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.