ރާއްޖެ ކުޅިވަރު

ސާފް ސުކުޒީ ކަޕަކީ އޭއެފްސީ ގަބޫލުކުރާ މުބާރާތެއްނޫން: އިންޑިޔާ

އަންނަ ބުދަ ދުވަހު އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަކީ އޭއެފްސީން ގަބޫލު ކުރާ މުބާރާތެއްނޫން ކަމަށާއި މިހެންވެ އެ މުބާރާތަށް ކުޅުންތެރިން ދޫކުރަން ކުލަބުތަކުގައި ބުނެވޭނެ ގޮތެއްނެތް ކަމަށް އިންޑިޔާއިން ބުނެފި އެވެ.

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ޑަސް ވިދާޅުވީ ކުރިން ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ބޭއްވި ސާކް ގައުމުތަކުގެ ފުޓްބޯޅަށް މުބާރާތައް ތައްޔާރުވާ އިންޑިޔާގެ ގައުމީ ޓީމަށް ބެންގަލޫރު އެފްސީގެ ކުޅުންތެރިން ދޫނުކުރަން އެކުލަބުން ނިންމުމުންނެވެ. އިންޑިޔާގެ ގައުމީ ކެޕްޓަން ސުނިލް ޗެތްރީ އާއެކު ގައުމީ ޓީމުގެ ހަތް ކުޅުންތެރިއަކު ހިމެނޭ ޓީމުން ވަނީ ކުޅުންތެރިން ތަމްރީނުތަކަށް ދޫކުރެވޭނީ މުބާރާތް ފަށަން ތިން ދުވަހަށްވުމުން ކަމަށެވެ.

ކުލަބުން ސަބަބަކަށް ދެއްކީ މުޅީ ސީޒަނުގައި ކުޅުންތެރިން ގިނަ އަދަދެއްގެ މެޗުތައް ކުޅެފައިވާތީވެ އަރާމު ކުރަން ވަގުތުބޭނުންވާ ކަމެވެ.

"ފީފާގެ ގަވާއިދުތައް ބުނާގޮތުން ކުލަބުތަކުން ގައުމީ ޓީމުގެ އިންޓަނޭޝަނަލް މެޗުތަކަށް ކުޅުންތެރިން ދޫކުރަން ޖެހެނީ ހަތަރު ދުވަސް ކުރިން. މިހާރު (އިންޑިޔާގެ) ކުލަބުތަކުން މިވަނީ ފަސް ދުވަސް ކުރިން ކުޅުންތެރިން ދޫކުރަން އެއްބަސްވެފައި. މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕް (ސުޒުކީ ކަޕް) އަކީ އޭއެފްސީން ގަބޫލުކުރާ މުބާރާތެއްނޫން. މިހެންވީމަ ފެޑަރޭޝަނަށް ކުލަބުތަކަށް މަޖުބޫރެއް ނުކުރެވޭނެ ކުޅުންތެރިން ދޫކުރަން،" ކުޝާލް ވިދާޅުވި އެވެ.

ސާފް ސުޒުކީ ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިޔާ އެވެ. ނަމަވެސް އެންމެ ފަހު މުބާރާތުގެ ޗެމްޕިއަންކަން އަފްގާނިސްތާން ހޯދީ ފައިނަލުގައި އިންޑިޔާ ބަލިކޮށްފަ އެވެ.
ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ބާއްވާ މުބާރާތުގައި އެ ގައުމު ހިމެނެނީ ނޭޕާލާއި ސްރީލަންކާއާއެކު ގްރޫޕް އޭގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ ރާއްޖެ އާއި އަފްގާނިސްތާނާއި ބޫޓާނާއި ބަނގަލްދޭޝް އެވެ.