މޯލްޑިވްސް ޕޮލިސް ސާވިސް

ރައީސް އޮފީސް ގޮއްވާލަން ބުނި މީހަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގޮއްވާލަން ބުނި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މި ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ކައިރިއަށް މީހަކު ގޮސް އޮފީހުގައި ތިބި މީހުން ބޭރަށް ނިކުތުމަށް އަންގާފައިވާ ކަމަށާ އަދި އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓްކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށްވެސް ބުންޏެވެ.