ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އެކަން އިއުލާން ކުރި ވަގުތާ ދިމާކޮށް އެކިއެކި ފަރާތްތަކުން ކޮށްފައި ކަންކަމަކީ ސަރުކާރު ބަދަލުކޮށްލުމަށް ކުރި ކަންތައްތަކެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން އެކަން އިއްޔެ ހެނދުނު އިއުލާން ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ނަމަވެސް އާންމު ރައްޔިތުން ނުރުހުމާއި ފާޑުކިޔުންތަކާ ގުޅިގެން އަދި ސަރުކާރުގެ ފިއްތުއްތަކާ އެކު ބީއެމްއެލްގެ އެ ނިންމުން ވަނީ އިއްޔެ މެންދުރުފަހު ބާތިލްކޮށް ކުރިންވެސް އަމަލުކުރަމުން ދިޔަ އުސޫލުން އަމަލުކުރަން ފަށާފަ އެވެ.
ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބީއެމްއެލްގެ ނަން ނުބުނެ ބުނީ ބޭންކުގެ އިއްޔެގެ ނިންމުމަކީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ބަޔާނުގައި ބުނީ ބޭންކުން އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ.
އެ ކަމަކީ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމެއް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
"[އަދި] މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މިމައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ،" ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް އެ ބައެއްގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން އެ ބުނާ ވަގުތުގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އިބްރާހީމް އަމީރު އާއި އެ ކޮމިޓީގެ ނައިބް މުގައްރިރު އަދި ނިމިދިޔަ މަޖިލީހުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ހުސައިން މުހައްމަދު ދީދީ އެވެ.