މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގެ ދެކުނު އޮފީހުގެ ބިންގާ އަޅައިފި

Jan 21, 2022

ކަސްޓަމްސްގެ ދެކުނު އޮފީސް -- ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އައްޑޫ ސިޓީ މަރަދޫގައި އަޅައިފި އެވެ.

މަރަދޫ ޕާކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކަސްޓަމްސް އަށް ޒިންމާވާ ވަޒީރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އައްޑޫ ތަމްސީލް ކުރާ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އިލްޔާސް ލަބީބާއި އިބްރާހިމް ނާޒިލްއާއި، އައްޑޫސިޓީގެ ކައުންސިލް މެމްބަރުންނާއި، މަރަދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަރަދޫގެ ބައެއް ރައްޔިތުންގެ އިތުރުން އެމްއެންޑީއެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި، މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓްގެ މަސައްކަތް މިހާރަށް ވުރެ ފުޅާދައިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދު މި ބިންގާ އެޅޭ، ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ މިއަދު ބިންގާ އެޅުނު އިމާރާތަކީ، އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ ކަސްޓަމްސް އިން ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިއްމު ބިނާއަކަށް ވެގެންދާނެ ކަމަށެވެ. އަދި ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް މުސްތަގުބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން 22.3 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއު 411 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށެވެ. ތިން ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.