ލައިފްސްޓައިލް

ކުނިކަހާ މީހާ އިންޖެކްޝަން ޖެހުމުން ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ މުމްބައިގެ އުތުރުގައި އޮންނަ ގޮވަންޑީ ކިޔާ ރަށެއްގައި ހުރި ރަޖިސްޓްރީ ނުކުރާ ނާސިން ހޯމެއްގައި ނުބައި އިންޖެކްޝަނެއް ޖަހައިގެން ދެ އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.

މިހިނގާ ޖެނުއަރީ މަހުގެ 19 ވީ ބުދަ ދުވަހު ކުއްޖާ މަރުވީ އެ ނާސިން ހޯމް ކުނިކެހުމުގެ މަސައްކަތްކުރާ މީހަކު ޖެހި އިންޖެކްޝަނަކުން ކަމަށް ބުނެވެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުއްޖާގެ ގަޔަށް އިންޖެކްޝަން ޖެހިކަމުގެ ތުހުމަތުގައި ޝިވާޖީނަގަރް ޕޮލިހުން ސުވާލުކުރަމުންދަނީ 17 އަހަރުގެ އަންހެން ކުއްޖަކާ އެވެ. އޭނާ އަކީ އެ ނާސިން ހޯމް ކުނިކަހާ މަސައްކަތު މީހެކެވެ.

ކުނިކަހާ މީހާގެ އިތުރުން އެ ނާސިން ހޯމްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަލްތާފް ޚާން 29، އާއި އެ ތަނުގެ ވެރިމީހާ ނަސީމުއްދީން ސައްޔިދު 63، ހައްޔަރުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރުވެސް މީގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި ތާހާ ޚާން ނަމަކަށް ކިޔާ ދެ އަހަރުގެ މި ކުއްޖާ ނޫރު ނާސިން ހޯމްގައި ޖެނުއަރީ 12 ވަނަ ދުވަހު އެޑްމިޓްކުރީ ހުން އައިސް ބޭރަށް ހިންގާތީ އެވެ.

ކުއްޖާ މަރުވި ރޭ ޑިއުޓީގައި ހުރި ޑޮކްޓަރު ގެއަށް ދަމުން އެ ނާސިން ހޯމްގައި އެޑްމިޓްކޮށްފައި އޮތް 16 އަހަރުގެ ކުއްޖެއްގެ ގަޔަށް އެޒިތުރޮމައިޒިން ކިޔާ އިންޖެކްޝަނެއް ޖަހަން އެންގި އެވެ. އެ ވަގުތު އެތަނުގައި ޑޮކްޓަރު ނެތުމުން އިންޖެކްޝަން ޖަހަން ޑޮކްޓަރު ބުނީ ނަރުސް ކުއްޖާ ކައިރީގަ އެވެ. ނަމަވެސް ޑޮކްޓަރު ބުނި އެއްޗެއް ނަރުހަށް އަޑު އިވޭ ކަމަކަށް ނުވި އެވެ. އެ އަޑު އަހަން އެތާނގައި ކުނިކަހާ މީހާ ހުރެފައި ތިމަންނާ އިންޖެކްޝަން ޖަހަންހޭ ބުންޏެވެ.

އެހެން ކިޔާފައި ކުނިކަހާ މީހާ ދިޔަ ގޮތަށް ގޮސް އިންޖެކްޝަން ނަގައި ދެ އަހަރުގެ ކުއްޖާގެ ގަޔަށް އެ އިންޖެކްޝަން ޖެހިތާ އިރުކޮޅެއް ނުވެ ކުއްޖާ މަރުވީ އެވެ.

ފުލުހުން ބުނި ގޮތުގައި ކުއްޖާގެ މެޑިކަލް ރިޕޯޓުގައި އެ އިންޖެކްޝަން ޖެހި ވާހަކަ ލިޔެފައި ވެސް ނެތެވެ. ކުއްޖާގެ ހަރަކާތް ހުއްޓުމުން ހަދާނެ ގޮތް ހުސްވެގެން އޭނާގެ މައިންބަފައިން އެ ކުއްޖާ ގޮވައިގެން އެހެން ހޮސްޕިޓަލަކަށް ދުވެފައި ދިޔައިރު ވެސް ކުއްޖާ އޮތީ މަރުވެފަ އެވެ.

އީސްޓް މުމްބައި ހެލްތު އޮފިސަރު ޑރ. ހަރިޝްޗަންދު ނަވްނީތު ބުނި ގޮތުގައި ރަޖިސްޓްރީ ނުކޮށް ގަވާއިދާ ޚިލާފަށް ހިންގާ 24 ނާސިން ހޯމަކާއި ރަޖިސްޓްރީކޮށްގެން ހިންގާ 41 ނާސިން ހޯމެއް އެ ސަރަހައްދުގައި ހުރެ އެވެ. ރަޖިސްޓްރީ ނުކޮށް މިހާރު ހިންގާ ނާސިން ހޯމް ތަކަކީ 2009ގައި ހެދި ނާސިން ހޯމްތައް ރަޖިސްޓްރީ ކޮށްދިނުމުގެ އާ ގަވާއިދަށް ނުފެތޭތީ ރަޖިސްޓްރީ ނުކޮށްދީފައިވާ ތަންތަނެވެ.