ލައިފްސްޓައިލް

ޓޮންގާ: ސުނާމީގައި އޮޔާދިޔަ ނުކުޅެދޭމީހެއް 27 ގަޑއިރު ކަނޑުމަތީގައި

މިދިޔަ ހަފުތާގައި ޓޮންގާގެ ކަނޑުއަޑީގެ އަލިފާންފަރުބަދައެއް ގޮވުމުގެ ސަބަބުން ސުނާމީ އަރައި އެ ގައުމަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މި ސުނާމީގައި ކަނޑަށް އޮޔާ ދިޔަ އެކަކީ 57 އަހަރުގެ ނުކުޅެދޭ މީހެކެވެ. މި މީހާ ވަނީ އަމިއްލަ ހިތްވަރުން 27 ގަޑިއިރު ވަންދެން ގަދަ ކަނޑުގައި ފަތައި ފުރާނަ ސަލާމަތްކޮށްފަ އެވެ.

ޓޮންގާގެ ލިސާލާ ފޮލާއު އަކީ އެ ގައުމުގެ ކުޑަ ކުޑަ ރަށެއް ކަމަށްވާ އަޓާޓާގައި ދިރިއުޅޭ މީހެކެވެ. މުޅިން ވަކިން މާ ދުރުގައި އޮންނަ މިރަށުގައި މުޅި އެކު އުޅެނީ 60 މީހުންނެވެ. ރޭގަނޑު 7.00 ހާއިރު އެ ރަށަށް ސުނާމީ އެރުމުން ބިޔަ ރާޅުތަކާއެކު ކަނޑަށް އޮޔާދިޔަ މީހުންގެ ތެރޭގައި އޭނާ ހިމެނުނެވެ.

ފޮލާއު ބުނި ގޮތުގައި ރަށަށް ސުނާމީ އަރައިފިކަމުގެ ޚަބަރު އޭނާގެ ބޭބެ އޭނާއަށް ދިނީ ގޭގައި ކުލަ ލާން ހުއްޓެވެ. އިރުކޮޅެއް ނުވެ އޭނާގެ ގެޔަށް ރާޅުތައް ވައްދާލި އެވެ. ރާޅުން ސަލާމަތްވާން ފޮލާއު ގޮސް އެރީ ބޮޑު ގަހެއްގެ ކުރިޔަށެވެ. އޭނާ ގަހުން ފޭބީ ރާޅު ދެން އިތުރަށް ނާރާނެކަމަށް ހީކޮށެވެ. ނަމަވެސް ފޭބިތާ އިރުކޮޅެއް ތެރޭ އަނެއްކާ އެއަށް ވުރެ ބޮޑު ރާޅެއް އަރައި އެ ރާޅާއެކު އޭނާ ކަނޑަށް އޮޔާ ގެންދިޔައީ އެވެ.
ފޮލާއު ބުނި ގޮތުގައި އޭނާއަކީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ރަނގަޅަށް ނުހިނގޭ މީހެކެވެ.

ޓޮންގާގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި ފޮލާއު ބުނީ ބޮޑެތި ރާޅުތަކާއެކު އޭނާ އޮޔާދިޔައިރު ފެންމަތީގައި ފްލޯޓް ކޮށްލައިގެން އޮތީ ކަމަށެވެ. އަދި ރާޅުތައް ކުޑަކޮށް މައިތިރިވުމުން އެންމެ ކައިރީގައި ފެންނަން އޮތް ޓޮންގާޓާޕޫ ކިޔާ ރަށަށް ފަތާފައި ގޮސް އެރީ ކަމަށެވެ. އެ ރަށަށް އެރުމަށް އޭނާ 7.5 ކިލޯ މީޓަރުގެ ދުރު ރާސްތާއަކަށް ފަތާފައި ވެއެވެ.

އޮޔާދިޔަތާ 27 ގަޑިއިރު ފަހުން ފޮލާއު އަށް ހިކިފަސްތަނަކަށް އެރުނީ އާދިއްތަ ދުވަހުގެ 10.00 ގައެވެ.

މި ހާދިސާއަށް ފަހު ސޯޝަލް މީޑިއާގައި ފޮލާއު ވަނީ ވަރަށް މަޝްހޫރު މީހަކަށް ވެފަ އެވެ. އޭނާ ސަލާމަތްވުން "މުއުޖިޒާތެއް"ފަދަ ކަމެއްގެ ގޮތުގައި އެއްބަޔަކު ސިފަ ކުރެ އެވެ. އަނެއް ބަޔަކު އޭނާއަށް 'އަކުއާމޭން'ގެ ނަމުން ނަން ދީފައި ވެއެވެ.

ޓޮންގާގެ ކަނޑު އަޑީގައިވާ އަލިފާން ފަރުބަދައިގެ ގޮވުން އަށެއްކަ މިނިޓަށް ދެމިގެން ދިޔަ އެވެ. އަދި މި އަޑުފައްގަނޑުގެ ބާރު ކަމުން އެ ގައުމާ 800 ކިލޯމީޓަރު (500 މޭލު) ދުރުގައި އޮތް ފިޖީ އަށް ވެސް އެ އަޑުފައްގަނޑު އިވުނެވެ.

ފޮލާއު ދިރިއުޅުނު ރަށް އަޓާޓާ އޮންނަނީ ޓޮންގާގެ ވެރިރަށް ނުކޫއަލޯފާ އަ އަށް ކިލޯ މީޓަރު ދުރުގަ އެވެ. މިއީ ބޯޓެއްގައި 30 މިނިޓުން ދެވޭ ހިސާބެވެ. ޖެނުއަރީ 18 ވަނަ ދުވަހު އެރި ސުނާމީގައި އަޓާޓާ ވަނީ މުޅިން ސުންނާފަތިވެފަ އެވެ.