ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އަށް ދަރިއަކު ލިބިއްޖެ އެވެ. މި ކުއްޖާ ހޯދާފައިވަނި ސަރަގޭޓް މަންމައެއްގެ ފަރާތުންނެވެ. ޕްރިޔަންކާ އާއި ނިކް ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އެމީހުންނަށް ދަރިއަކު ލިބިއްޖެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވެއެވެ. އަދި އެމީހުންގެ ޒާތީ މިނިވަންކަމަށް އިހުތިރާމްކުރުމަށް ވެސް ދެމަފިރިން އެދިފައި ވެއެވެ.
މި ބަޔާން ނެރުމާއެކު ހޮލީވުޑާއި ބޮލީވުޑްގައި މަސައްކަތްކުރާ ޕްރިޔަންކާ އާއި ނިކްގެ އެކުވެރިންނާއި ގާތް ތިމާގެ މީހުން ވަނީ އެ ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.
ދާދިފަހުން ވެނިޓީ ފެއާ މެގަޒިން އަށް ދިން އިންޓަވިއު އެއްގައި ޕްރިޔަންކާ ވަނީ ނިކް އާއި ދެމަފިރިން އާއިލާއެއް ފަށަން ތައްޔާރުކަމުގެ އިޝާރާތެއް ދީފަ އެވެ.
އޭނާގެ މަންމަ ޑރ. މަދޫ ޗޯޕްޅާ މާމައަކަށް ވުމުގެ އުންމީދު ކުރޭތޯ މި އިންޓަވިއުގައި ޕްރިޔަންކާ އާ ސުވާލު ކޮށްފައި ވެއެވެ. ޖަވާބުގައި އޭނާ ބުނީ އެއީ މުސްތަގްބަލަށް އެމީހުންކުރާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ކަލާންގެ އިރާދަ ކުރެއްވި އިރަކުން އެކަން ވާނެ ކަމަށް ވެސް ޕްރިޔަންކާ ބުނެފައި ވެއެވެ.
ދަރިން ހޯދަން އުޅޭ ވަރަށް ވުރެ އޭނާ އާއި ނިކް އުޅެނީ މާ ބިޒީކޮށް ނޫންތޯ އިންޓަވިއު ކުރި ނޫސްވެރިޔާ ސުވާލުކުރުމުން ޕްރިޔަންކާ ބުނީ ދަރިން ހޯދުމުގެ މަސައްކަތް ނުކުރެވޭ ވަރަށް ބިޒީ ނޫން ކަމަށެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު އިންޑިޔާގެ ޖޯދްޕޫރުގެ އުމެއިދު ބަވަން ޕެލަސްގަ އެވެ.