ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އެކަން ޖުމްހޫރީ ޕާޓީން ވަނީ ޔަގީން ކޮށްދީފައެވެ. ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ގާސިމް ނިންމަވާފައިވާ ކަަމަށެވެ. އަދި މި ފެށޭ ހަފްތާގައި ރާޝިދުގެ ކެންޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ގާސިމް ނިންމަވާފައި މިވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ސަރުކާރުން ވަރުގަދަ ކެންޕެއިނެއް ހިންގަމުން ދަނިކޮށެވެ. ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް އަދި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި މެދުނުކެނޑި ކެންޕެއިން ހަރަކާތްތައް ދަނީ ހިންގަވަމުންނެވެ.
ކޮމަންޑު ދާއިރާގެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ސަރުކާރުން ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފަ އެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެފަދަ ޝަކުވާއެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންްސް ކޮމިޝަނުން ބުނެ އެވެ. އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.