ގާސިމް އިބްރާހިމް

ރައީސް ހިތުގައި ޖައްސައިގެން ލިބޭނެ މޮޅެއް ނެތް: ގާސިމް

ކޮމަންޑޫ ދާއިރާއަށް މޮޅެއް އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވީ މަރޮށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ދޭން ޖެހެނީ އެ ޕާޓީއަށް މެންބަރުން މަދުވެގެން ނޫން ކަމަށާ އެއީ ދާއިރާގެ ތަރައްގީއަށްޓަކައި ކަމަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި އަދި ދެ އަހަރު ބާކީ އޮތްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުވެސް މި ދާއިރާގައި އެއްވެސް ޕްރޮޖެކްޓެއް ހިންގެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން އޮވެގެން ކަމަށެވެ.

އެމަނިކުފާނަކީ މި ސަރުކާރުގެ ކޯލިޝަން ލީޑަރެއްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ މިފަހަރުގެ އިންތިހާބުން އެމްޑީޕީ ބަލިވެއްޖެނަމަ އެއީ ވަރަށް ލަދުވެތިވާނެ ކަމެއް ކަމަށެވެ.

"މިއަދު އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވީމަ ސަރުކާރުގައި ހުންނަ ވެރިއަކު ލަދުގަންނަން އެބަޖެހޭ، އަޅުގަނޑުވެސް ލަދުގަނޭ. އެއީ އަޅުގަނޑުމެންވެސް ކޯލިޝަން އޮތީމަ. އެހެންވީމަ އަޅުގަނޑުވެސް މި ހުރީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދާއިރާއަށް ތަނަވަސްކަމެއް ހޯދަން އެދޭނަމަ އޭރަކު އޮންނަ ސަރުކާރަކަށް އެހީތެރިވެ އިންތިހާބުތަކުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދޭން ޖެހޭ ކަމަށެވެ. ސަރުކާރު ކެންޑިޑޭޓުން ނުހޮވާ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު ހިންގާ ޕާޓީ ލަދުގަންނަވައިލައިފިނަމަ އެކަމުން ލިބޭނެ މޮޅެއް ރަނގަޅެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމްޑީޕީ ކެންޑިޑޭޓް ނުހޮވައިފިނަމަ އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ މިފަހަރުގެ އިންތިހާބަށް އެއްބަނޑުއެއްބަފާ މީހަކު ކުރިމަތިލާފައި ހުރި ނަމަވެސް އެމްޑީޕީ ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް ވޯޓް ނުދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ވަޑައިގަތީ ށ އަތޮޅުގައި އެމަނިކުފާނަށްވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރެވި އެ އަތޮޅުގެ ރައްޔިތުންނަށް އަބަދުވެސް ހެޔޮ އެދޭތީ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރަން އޮތް މައި ޕާޓީއަށް ހިތުޖައްސާލާފައި ތިބޭފުޅުން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ހޮވީމަ ކޮބައިތޯއޭ މޮޅެއް، ރަނގަޅެއް،" ގާސިމް ވިދާޅުވިއެވެ.