ތ. ބުރުނީގައި ޕޮލިސް ޑެސްކެއްގެ ގޮތުގައި ރައްޔިތުންނަށް ދެމުންދިޔަ ފުލުުހުންގެ ހިދުމަތް ރަސްމީކޮށް ޕޮލިސް ޕޯސްޓަކަށް ބަދަލުކޮށް ހިދުމަތް އިފްތިތާހްކޮށްފި އެވެ.
ބުރުނީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓަގައި ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
މިރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ ބުރުނީގައި ޕޮލިސް ޕޯސްޓެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ. ބުރުނީ އަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް، ކުށްމަދު ރަށަކަށްވީ ނަމަވެސް، ކުށާއި ކުށުގެ ބިރުވެރިކަން އަތޮޅުތެރޭގެ ރަށްރަށަށް ފެތުރުމުގެ ކަންކަން ހިނގަމުންދާތީ ބުރުނީއަށްވެސް އޭގެ ނުރަނގަޅު އަސަރު ފޯރުން އެއީ ފުލުހުން އެކަމަށް ސަމާލުވާންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ބުރުނީގައި ޕޮލިސް ޕޯސްޓް ހުޅުވުމާ ގުޅިގެން ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނުން ފުލުހުން ބުރުންޏަށް ގޮސް ދެމުން ދިޔަ ފުލުހުންގެ ހިދުމަތަށް މިއަދުން ފެށިގެން ނިމުން އަންނާނެ އެވެ.
ބުރުނި ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ ރައީސް އާދަމް މުހައްމަދު ވިދާޅުވީ ބުރުނީގައި ފުލުހުން ހިދުމަތް ގާއިމްކުރެވިގެންދާއިރު ކައުންސިލުން އުއްމީދުކުރަނީ ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.
ބުރުނީ ޕޮލިސް ޕޯސްޓް ހުޅުވުމުގައި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދާއި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުންނާއި ބުރުނީ ކައުންސިލް މެމްބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވި އެވެ.