މާރިޔާ އަހުމަދު ދީދީ

ތަރައްގީގެ މަޝްރޫއުތައް ފެނުމުން ސިއްސައިގެން ދިޔަ: މާރިޔާ

Jan 22, 2022
6

ކޮމަންޑޫ ދާއިރާގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ފެނިވަޑައިގަތުމުން ސިއްސައިގެން ދިޔަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ.

ފޯކައިދޫގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ރާއްޖޭގައި ހުރިހާ ހިސާބެއްގައި ވެސް ގުނާ އަދަދު ނުކުރެވޭ ވަރަށް މިސަރުކާރުން މަޝްރޫއު ކުރިއަށް ގެންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ކޮމަންޑޫ ދާއިރާގެ ތަރައްގީ އަށް މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް އެ ދާއިރާ އިން ފެނިވަޑައިގަތުމުން ސިއްސައިގެން ދިޔަ ކަމަށެވެ.

"އަޅުގަނޑު ވެސް މި ހުންނަނީ ސަރުކާރުގައި. ނަމަވެސް ސަރުކާރުން އެހާ ގިނަ މަޝްރޫއު ހިންގާކަން ކުރިން އެނގިފައެއް ނުވޭ،" މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ކޮމަންޑޫ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުން ދަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެމްޑީޕީން އަބަދުވެސް ވިސްނާނީ ރައްޔިތުންނާ މެދު ކަމަށް ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް އިންތިހާބީ މަގާމަކަށް ވަޑައިގަންނަވާނީ ރައްޔިތުންގެ ހާލަތު ބެލުމަށް ރައްޔިތުންގެ ކައިރިއަށް ގޮސް ހާލަތު ބަލައި ވައުދުތަކެއްވެ، އެ ވައުދުތައް ފުއްދުމަށް ކަމަށެވެ.

"އެމްޑީޕީ އަކީ ހަމަ ތިބެފައި އިނގިލިން ގުނާފައި ވައުދުވާ ބައެއް ނޫން. ރައްޔިތުންގެ ހާލު ބަލައި، ރައްޔިތުންގެ ގާތަށް ގޮސް އެބޭފުޅުންގެ ހާލަތު ދެނެގަނެ، ވައުދު ހިފައިގެން ވައުދުވާނެ ޕާޓީއެއް،" މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ވައުދުވެ ވައުދު ފުއްދަން މަސައްކަތް ކުރަން ދަސްކޮށްދިން ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް މިއަދު ހިލޭ ލިބޭ ބައެއް ހިދުމަތްތަކަކީ އެމްޑީޕީން އެކަންކަން ކުރުމަށް ވައުދުވެ އެ ވައުދުތައް ފުއްދުމުން ފެންނަ ބަދަލުތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ގޮވަނީ ދައްކާނެ އެއްވެސް ވާހަކައެއް ނެތުމުން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕޭނަކީ މިސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށްވެސް މާރިޔާ ސިފަކުރެއްވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާ އިން ކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އިންޑިއާ އިން ދިވެހި ސަރުކާރަށް މިހާރު ފޯރުކޮށްދޭ ހުރިހާ އެހީތެރިކަމެއް ހުއްޓުވަން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.