ބޮލީވުޑް

ފެއިލް ވެފައިވާ ކަމަށް އިހްސާސް ކުރެވޭ: ރުޕާލީ

އިންޑިއާ ޗެނަލްތަކުން ދައްކާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް މަގްބޫލު އަދި ޓީއާރުޕީ ޗާޓުތަކުގެ އެއްވަނައިގައި އޮތް "އަނޫޕަމާ" ގެ ބަތަލާ ރުޕާލީ ގަންގޫލީއަށް ލިބެމުންދާ ލޯތްބާއި މަގްބޫލުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މި ޝޯގެ ކާމިޔާބީގެ އަސްލަކީ ރުޕާލީގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.

ބިޒީ ޝެޑިއުލެއްގައި ދުވާލުގެ ވަރަށް ގިނަ ވަގުތު ސިލްސިލާގެ ޝޫޓިންގްގައި ރުޕާލީ އުޅެމުންދާއިރު އާއިލާއަށް އެކަށީގެންވާ ވަގުތު ނުދެވުމަކީ ރުޕާލީ ވަރަށް ބޮޑަށް ދެރަވާ ކަމެކެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރުޕާލީ ބުނި ގޮތުގައި ފިރިމީހާ އާއި ހުރި ހަމައެކަނި ދަރިފުޅަށް އެކަށީގެންވާ ވަގުތު އެއްގޮތަކަށް ވެސް މިހާރަކު ނުދެވެ އެވެ.

ކައިވެންޏަށް ފަހު ދަރިއަކު ލިބުމުން ރުޕާލީ ހުރީ އެކްޓިން ކެރިއަރު އެއްފަރާތްކޮށް ދަރިފުޅު ބެލުމަށް ހުރިހާ ވަގުތެއް ހުސް ކޮށްގެންނެވެ. ނަމަވެސް ދަރިފުޅު ތަންކޮޅެއް ބޮޑުވެ ސްކޫލުގައި ގިނަ ވަގުތު އުޅެން ފެށުމުން ހުސް ވަގުތު ލިބޭތީ އަނެއްކާވެސް ސިލްސިލާތަކުގައި އޭނާ ބައިވެރިވާން ފެށީ އެވެ. ނަމަވެސް ޕެންޑެމިކްގެ ސަބަބުން ސްކޫލްތައް ބަންދުވުމުން ދަރިފުޅާއި ފިރިމީހާ ގިނަ ވަގުތު ގޭގައި ހޭދަ ކުރާއިރު ރުޕާލީއަށް އުޅެން ޖެހެނީ ޝޫޓިންގްގަ އެވެ. އެމީހުންނަށް އެކަށީގެންވާ ވަގުތެއް އޭނާއަކަށް ނުދެވެ އެވެ.

ރުޕާލީ ބުނި ގޮތުގައި ދަރިފުޅުގެ ހުރިހާ ކަމަކާ ގޭގެ ހުރިހާ ކަމެއް ކުރަނީ ފިރިމީހާ އެކަނިމާ އެކަންޏެވެ.

"ކޮވިޑް ލައިގަތުމުގެ ކުރިން ދަރިފުޅު މެންދުރު 12 ޖަހާއިރު ސްކޫލަށް ދާގޮތަށް އަންނާނީ އިރުއޮއްސި ހަތެއް ވެސް ޖަހާ ފަހުން. އެހެންވެ އޭރު ވަރަށް ހުސް ވަގުތު ލިބޭ. އެ ދުވަސްވަރު ރަނގަޅު ފުރުސަތެއް ސިލްސިލާއަކުން ލިބުމުން ފިރިމީހާ ވެސް ބުނީ ގޭގައި ކޮންމެހެން ހުންނާނެ ކަމެއް ނެތޭ. ދާށޭ ޝޫޓިންގަށް. އެގޮތަށް މަސައްކަތް ފެށުނީ. ނަމަވެސް ލޮކްޑައުން އާ ހުރެ ހުރިހާ ކަމެއް އެކޮޅުކޮޅުން މި ޖެހުނީ،" ރުޕާލީ ބުންޏެވެ.

ރުޕާލީ ބުނި ގޮތުގައި ފެއިލްވެފައިވާ މީހެއްގެ އިހްސާސް މިހާރު އޭނާއަށް ކުރެވެ އެވެ. ސަބަބަކީ ފިރިމީހާ އާއި ދަރިފުޅުގެ އެއްވެސް ކަމެއް ކޮށްދޭނެ ވަގުތު އޭނާއަށް ނުވާތީ އެވެ.

"ފިރިމީހާ އަކީ އާދަޔާޚިލާފު ރަނގަޅު އަދި ހެޔޮ މީހެއް. ދަރިފުޅަށް ވެސް މަންމަގެ ލޯބި ވެސް މިހާރު ދެނީ އޭނަ. އެކަހަލަ އަނބިމީހާއަށް އެހީތެރިވާ ފިރިއަކު ލިބޭނީ ވަރަށް މަދު އަންހެނަކަށް،" ރުޕާލީ ބުންޏެވެ.

ރުޕާލީގެ ފިރިމީހާ އަޝްވިން ވީ ކުމާރަކީ ވިޔަފާރިވެރިއެކެވެ. ފިރިމީހާ އާއި ދަރިފުޅާ އެކު ނަގާފައިވާ ވަރަށް ގިނަ ފޮޓޯތައް ރުޕާލީ އަބަދުވެސް ސޯޝަލް މީޑިއާގައި ޝެއާ ކުރެ އެވެ.

ކައިވެނީގެ ކުރިން ރުޕާލީ ވަނީ "ސާރާބައީ ވާސަސް ސާރާބާއީ" އާއި "ސަންޖީވަނީ" ފަދަ ޝޯތަކުގައި މުހިއްމު ރޯލުތަކެއް ކުޅެފަ އެވެ.