އައިލެންޑް އޭވިއޭޝަން

މަޑިވަރު އެއާޕޯޓަށް މުވައްޒަފުން ހޯދަނީ

Jan 23, 2022

ޅ. މަޑިވަރު އެއާޕޯޓްގެ ވަޒީފާ ތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެ އެއާޕޯޓް ހިންގުމާ ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އިއުލާން ކޮށްފި އެވެ.

މުވައްޒަފުން ހޯދަން އިއުލާން ކުރި ނަމަވެސް މުވައްޒަފުން ހޯދާ މަގާމުތަކަށް މީހުން ނަގާނެ ވަކި އަދަދެއް އައިއޭއެސްގެ އިއުލާންގައި ބުނެފައެއް ނުވެ އެވެ.

ވަޒީފާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައިއޭއެސްގެ ވެބްސައިޓުން ކަމާ ގުޅޭ ފޯމް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

މަޑިވަރު އެއާޕޯޓަށް މިވަގުތަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ ޖުމްލަ 11 މަގާމަކަށެވެ. އޭގެތެރެއިން ހަތް މަގާމެއްގެ މައިގަނޑު ޝަރުތަކީ އޯލެވަލް ފެންވަރު ހުރުމެވެ. އެއް މަގާމުގެ ޝަރުތަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ. ބާކީ ތިން މަގާމުގެ ޝަރުތަކީ ގުރޭޑްގެ އަށެއްގެ ފެންވަރެެވެ.

މީހުން ހޯދަމުންދާ މަގާމުތައް

  • އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް
  • އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ
  • ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު
  • ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު
  • ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސްޕަވައިޒާ ޓްރެއިނީ
  • ޕަވާ ހައުސް އެޖެންޓް ޓްރެއިނީ
  • މެއިންޓަނަންސް ކޯޑިނޭޓަރު
  • ލައުންޖު އޭޖެންޓް
  • ލައުންޖު ހޭންޑް
  • އެއާޕޯޓް ހޭންޑް ޓްރެއިނީ
  • ކްލިޔާ ޓްރެއިނީ

މަޑިވަރު އެއާޕޯޓްގެ ވަޒީފާ ތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާގެ ކުރެއްދޫ ހޯލްޑިންގްސް ކުންފުނިން ހަދާފައިވާ މަޑިވަރު އެއާޕޯޓް ހިންގުމާ އައިލެންޑް އޭވިއޭޝަނުން ހަވާލުވެ އެކަމުގެ ރަސްމީ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެެ.

ކުރެއްދޫ ހޯލްޑިންގްސްއާއި އައިލެންޑް އޭވިއޭޝަނުން ގުޅިގެން މިހާރު ދަނީ އަންނަ މަހު މަޑިވަރު އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

މޯލްޑިވިއަން އިން ބުނީ މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އެ ކުންފުންޏާއި ކުރެއްދޫ ހޯލްޑިންގްއާ ގުޅިގެން ފަށާފައިވާ ކަމަށެވެ. އަދި އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބްރުއަރީ މަހު މަޑިވަރު އެއާޕޯޓަށް ފަށަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ސިޓީ ހޮޓަލާއެކު މަޑިވަރުގައި އެއާޕޯޓެއް ހެދުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރި ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ. މަޑިވަރު އެއާޕޯޓަކީ ރާއްޖޭގައި ހަދާފައިވާ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ.

މަޑިވަރު އެއާޕޯޓާ އެކު އައިލެންޑް އޭވިއޭޝަނުން ހިންގާ އެއާޕޯޓްތަކަކީ ބ. ދަރަވަންދޫ އާއި ތ. ތިމަރަފުށި އަދި ރ. އިފުރުގައި ހަދާފައިވާ އެއާޕޯޓެވެ. މީގެ އިތުރުން ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓް ވެސް މިވަގުތު ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.