ސްޓެލްކޯ

ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަމުންދާ ހުޅުލެއަށް ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމުކޮށްފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުކުރު ދުވަހުގެ ރޭ ހުޅެލޭގެ ގްރިޑް އިތުރު ކޮށްފައިވާ ކަމަށެވެ. އެއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ، 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓަކުން ގުޅާލާ މަޝްރޫ އެކެވެ.

ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

އިންޓަ ކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއާއި ހުޅުމާލެ ވެސް މީގެކުރިން ވަނީ ގުޅާލާފަ އެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެ އެވެ.