މެލޭޝިޔާގެ ސުޕަ ލީގުގައި ކުޅެމުން އަންނަ ޕީޑީއާރުއެމް އިން ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
އުމުރުން މިހާރު 30 އަހަރުގެ ފޯވަޑްގެ ކޮންޓްރެކްޓް އާކުރީ އެއް އަހަރު ދުވަހަށެވެ. މި އަހަރާއި މިދިޔަ އަހަރު ވެސް ޕީޑީއާރުއެމަށް ކުޅުނު ދަގަނޑޭ އަކީ އެ ކުލަބު މެލޭޝިޔާ ސުޕަ ލީގަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މި އަހަރުގެ ސީޒަން އެ ޓީމު ނިންމާލީ ސުޕަ ލީގުގެ ހަ ވަނާގަ އެވެ.
މެލޭޝިޔާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ހޯދި ދަގަނޑޭ މިވަގުތު ހުރީ ގައުމީ ޓީމާއެކު މެލޭޝިޔާގަ އެވެ. އޭނާ ވަނީ ޕީޑީއާރުއެމް އަތުން ރާއްޖެ 3-2އިން މޮޅުވި އެކުވެރިކަމުގެ މެޗަށް ފަހު ކުލަބުގެ ކޮންޓްރެކްޓް އާކޮށް އޭނާގެ ނަންބަރު ޖާޒީ ދައްކާލައިފަ އެވެ.
ޕީޑީއާރުއެމްއިން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޖޮހޯރަށް ކުޅުނު މެލޭޝިޔާގެ ޒުވާން ފޯވަޑް އަންދްރެޒީނިއޯ އެކުލަބަށް ގެނެސްފަ އެވެ. މީގެ އިތުރުން ޓީމު ވަރުގަދަ ކުރުމަށް އިތުރު ދެ ކުޅުންތެރިއަކު ވެސް ވަނީ ގެނެސްފަ އެވެ.