މަޖީދީ މަގުގައި ޒިކްރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ދައުލަތުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އުފެދުނު މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށް، ހުޅުމާލޭގައި އާ މިސްކިތެއް އަޅައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ދައުލަތާ އެކު އެއްބަސްވެއްޖެ އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭއާ ހަވާލުކުރީ ޖުލައި 9، 2018 ގައެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައި އޮތް އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ އެސްޖޭ އަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ވެސް ދޫކޮށްފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެސްޖޭ އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ބުނެ އެއްބަސްވުން ބާތިލްކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް އެކުއިޓީގެ ގޮތުގައި ކުރީގެ ސަރުކާރުން ދޫކުރި 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. ދައުލަތުން ބުނާ ގޮތުގައި އެ ފައިސާ ދޫކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށެވެ.
އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ވެސް އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެސްޖޭ އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމުގައި ގޯހެއް ނެތް ކަމަށެވެ. ދަށު ކޯޓުގެ ހުކުމް އެސްޖޭ އިން ހައިކޯޓުގައި އިސްތިއުނާފް ވެސް ކުރި އެވެ.
ނަމަވެސް އެސްޖޭ ކޮންސްޓްރަކްޝަނާއި ދައުލަތާ ދެމެދު މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން ވެސް މިހާރު ވަނީ ޒިކްރާ މިސްކިތާ ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލަތައް އަނބުރާ ނަގާފަ އެވެ. އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ހުޅުމާލޭގައި އާ މިސްކިތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިއަދު ވަނީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.
މި އެއްބަސްވުމާ ގުޅިގެން އެސްޖޭ ކުންފުނިން ދައުލަތަށް ކުރިން ހޯދަން އުޅުނު 30 މިލިއަން ރުފިޔާ އާއި އަދި ހުޅުމާލޭގައި އަޅާ މިސްކިތް އެޅުމަށް ހިނގާ އެހެން ހަރަދުތަކާއި އަދި މިސްކިތް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. އެ މަސައްކަތް އެސްޖޭ އިން ކުރާނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން -- ސީއެސްއާރް މަސައްކަތެއްގެ ގޮތުގަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީއާ ދެމެދު މިމަހުގެ 19 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަޅައިދޭނީ އެ މިސްކިތެވެ.
ހިޔާ ފްލެޓްތަކާ ގާތުގައި އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ 30،655 އަކަފޫޓުގެ ބިމެއްގަ އެވެ. އެއް ފަހަރާ 1،400 މީހުންނަށް ނަމާދަ ކުރެވޭ އެ މިސްކިތުގެ ކޯޓްޔާޑާ އެކު ޖުމްލަ 3،000 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ އެވެ.
ނަމާދަށް ދާ މީހުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ކޯޓްޔާޑް ހަދަން ނިންމާފައިވާއިރު މިސްކިތުގެ ސަރަހައްދުގައި 100 ސައިކަލަށް އެއް ފަހަރާ ޕާކް ކުރެވޭ ގޮތް ހެދުމަށްވެސް ނިންމާފައިވެ އެވެ.
މިސްކިތުގެ ޑިޒައިން އެޗްޑީސީން މިހާރު ނިންމާފައިވާއިރު އާ މިސްކިތަކީ ހުޅުމާލެ އިން ފެންނަ ތަފާތު ޑިޒައިނަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.