އަނިޔާގެ ސަބަބުން މުހިންމު ދެ ފޯވަޑުން ކަމަށްވާ ޝައިހް ރުސެލް އާއި ތަޖުރިބަކާރު ފޯވަޑް ޖާހިދު ހަސަން އަމޭލީ ބާކީކޮށް ސާފް ސުކުޒީ ކަޕުގައި ވާދަކުރާ ބަނގްލަދޭޝް ޓީމު އިއުލާނުކޮށްފި އެވެ.
އަންނަ ބުދަ ދުވަހު އިންޑިޔާގައި ފަށާ މުބާރާތުގައި ރާއްޖެ އާއި އަފްގާނިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގައި ހިމެނޭ ބަނގްލަދޭޝް ޓީމުން އަމޭލީ ބާކީ ކުރީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ އެވެ.
ނަމަވެސް އަރިމަތިން ކުޅޭ ޒާހިދު ހުސައިން އާއި ޑިފެންޑަރު ނާސިރުއްދީން ޗައުދަރީ ވަނީ ހިމަނާފަ އެވެ. މި ދެ ކުޅުންތެރިންނަކީ އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި ނުކުޅެވުނު ދެ ކުޅުންތެރިންނެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން އަނިޔާގެ ސަބަބުން މުހިންމު ބައެއް މެޗުތަކުގައި ނުކުޅެވުނު މުހައްމަދަން ސްޕޯޓްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަޝްރަފުލް ހައްގު ރޮނާ އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ޖުވެލް ރާނާ އާއި ޝައިހް ޖަމާލް ދަންމޮންޑީ އާއި މިޑްފީލްޑަރު ސުހައިލް ރާނާ ވެސް ވަނީ 20 ކުޅުންތެރިންގެ ތެރޭގައި ހިމަނާފަ އެވެ.
މީގެ އިތުރުން މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް މިޑްފީލްޑަރު ޖަމާލް ބުއިޔަން ވަނީ ޓީމުގައި ހިމަނާފަ އެވެ. އެއީ ރާއްޖެ އާއި ބޫޓާން މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމުގެ އުއްމީދުގަ އެވެ.
ޓީމުގެ ކޯޗު މައުރޫފުލް ހައްގު ބުނީ 29 ކުޅުންތެރިންގެ ސްކޮޑުން ފައިނަލް ޓީމަށް ނެގި 20 ކުޅުންތެރިންނަކީ މިވަގުތު އެންމެ ރަނގަޅު ކުޅުންތެރިން ކަމަށެވެ.
އަންނަ ބުދަ ދުވަހުން ފެށިން ޖެނުއަރީ ތިނަކަށް ބާއްވާ މުބާރާތަށް ބަނގްލަދޭޝް ޓީމު މިއަދު އިންޑިޔާ އަށް ދާނެ އެވެ. މި މުބާރާތަށް ނޭޕާލް ޓީމު ވެސް މިހާރު ވަނީ ފައިނަލްކޮށްފަ އެވެ.