ދުނިޔެ

އަރުމީނިއާގެ ރައީސް އިސްތިއުފާ ދެއްވައިފި

އަރުމީނިއާގެ ރައީސް އާމަން ސަރުކިސަން އިސްތިއުފާ ދެއްވައިފި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ގައުމަށާއި ދައުލަތަށް މިއީ ދަތި ދަނޑިވަޅެއް ކަމަށާއި ދާހިލީ އަދި ހާރިޖީ މަސްލަހަތުގެ ހިމާޔަތުގައި ކަމެއް ކުރެއްވުމުގެ ގާބިލުކަން ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން އަރުމޭނިއާގައި ރައީސަކަށް ހުންނަ މީހަކަށް ވެސް ރައްކާތެރި ކަމެއް ނެތެވެ. އޭނާގެ އާއިލާ އާއި ގާތް މީހުންނަށް އެތައް ފަހަރަކު ގޭންގުތަކުން ހަމަލާދީ ޖާނަށް ނުރައްކާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އިސްތިއުފާ ހުށަހެޅީ ޖަޒުބާތުގައި ޖެހިގެނެއް ނޫން،" ރައީސް އޮފީހުން ނެރުނު ބަޔާނުގައި ސަރުކިސަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުން އިސްތިއުފާ ދެއްވީ ދުރާލާ ވިސްނަވައިގެން އަދި ގަބޫލުކުުރެއްވޭ ވަކި އުސޫލަކުންނެވެ.

އަރުމީނިއާގެ ރައީސްކަމަށް ސަރުކިސަން ހޮވިވަޑައިގަތީ 2018 ވަނަ އަހަރު، ގާނޫން ހަދާ މަޖިލީހުގެ 90 ޕަސެންޓް ވޯޓުންނެވެ. އޭނާގެ ރައީސްކަމުގެ މުއްދަތު ހަމަވާނީ 2025 ގައެވެ.

އޭނާ ވިދާޅުވި ގޮތުގައި އަރުމީނިއާގައި އޮތީ ރައީސަށް ބާރެއް އޮތް ވެރިކަމެއް ނޫނެވެ. ދައުލަތް މިހާރު ހިންގާ ގޮތުން ރައީސަކަށް ހުންނަ މީހަކަށް އެއްވެސް ކަމެއް އިހުތިޔާރު ކުރެވެން ނޯންނަ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

ސަރުކިސަން ވިދާޅުވި ގޮތުން ދައުލަތަށް ކަމެއް ކިތަންމެ މުހިންމު ނަމަވެސް އެކަމެއް އެކުލަވާލައި ހިންގުމަކީ ރައީސަށް ކުރެވޭ ކަމަކަށް މިހާރަކު ނުވެ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުން ވެރިކަމަށް ވަޑައިގެންނެވިއިރު ސަރުކާރުގައި އޮތް ވިސްނުމެއް ނޫނެވެ.

އޭނާ ވިދާޅުވީ އަދަދު ހަމަކުރަން ހުންނަ ބޮލެއް ގޮތުގައި ސަރުކާރުގައި ހުންނަން ބޭނުންފުޅު ނުވާ ކަމަށާއި ސަރުކާރުން ހިންގާ ބޮޑެތި ކަންތައްތަކުގައި ގެރެންޓީ ދޭންޖެހޭ ފަހަރު އަންނަ ކަމަށާއި އެ ޒިންމާ އުފުލަން ޖެހެނީ ރައީސަކަށް ހުންނަ މީހާ ކަމަށެވެ.