ސްޕެނިޝް ލަލީގާގައި އެލްޗޭއިން ރެއާލް މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 އަކުން އެއްވަރު ވެގެނެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ކުރި ހޯދީ އެލްޗޭއިންނެވެ. މިލަނޑު އެލްޗޭއިން ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް 42 ވަނަ މިނެޓުގައި އެޓީމުގެ ލީކަސް ބޯޔޭ އެވެ. އެލްޗޭ އިން ދެވަނަ ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނިޓުގަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްްދިނީ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ލޫކަސް ބޯޔޭ ކުރި އެސިސްޓަކުން ޕެރޭ މިލާ އެވެ.
ރޭގެ މެޗުގައި ރެއާލް އަށް ވަނީ ގޯލު ޖަހަން ރަނުގެ ފުރުސތުތަކެއް ލިބިފަ އެވެ . އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ބެންޒެމާ އަތުން ވަނީ ނާކާމިޔާބު ވެފައެވެ. އޭގެ އިތުރުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގެ ތެރޭގައި ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ. އޭގެ ދެމިނެޓު ފަހުން 81 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މޮޑްރިޗް ވަނީ ރެއާލް އަށް ފުރަތަމަ ގޯލު ޖަހައިދީ ފަރަގު ކުޑަ ކޮށްދީފަ އެވެ. ރެއާލް އަށް ނަތީޖާ ހަމަހަމ ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ވިނީޝަސް ޖޫނިއާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުތެރަށް ފޮނުވާލައިގެން މިލިޓާއޯ އެވެ.
ރެއާލުން ވަނީ މިދިޔަ ހަފުތާގައި ކޮޕަ ޑެލް ރޭ މުބާރާތުގައި އެލްޗޭއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ.
ލަލީގާގައި ރޭ ދެން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ރޭ ވަނީ ފަހަތުން އަރައި 3-2 އަކުން ވެލެންސިއާ ބަލިކޮށްފަ އެވެ.