ގާސިމް އިބްރާހިމް

ރާޝިދުގެ ކެމްޕޭނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް

Jan 24, 2022
5

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު އަވަސް އަށް ވިދާޅުވީ ސަރުކާރުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ އިސް ބޭފުޅުންނާ އެކު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުުރުފުޅެއްގައި މާދަމާ އެ ދާއިރާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ދަތުރުގެ މުޅި ޝެޑިއުލް މިވަގުތު ހިއްސާކޮށްލަން އަދި ދަތި. އެހެންނަމަވެސް ޖޭޕީގެ ލީޑަރު ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވެސް ވަޑައިގެން ރާޝިދަށް ކެމްޕޭން ކޮށްދެއްވާނެ،" އަލީ ސޯލިހް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެ ޕާޓީން ތާއީދުކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ކަމަށް ކުރިން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ރާޝިދަށް ތާއީދުކުރަން ނިންމާފައިވެ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމް އިން ރާޝިދަށް ތާއީދު ކުރާ ކަން ހާމަނުކޮށް، ގޮވާލާފައިވަނީ ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯލެބުމެއް ނެތި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރުމަށެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ގެންދަވަނީ މިހާރު ވެސް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް މީގެކުރިން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭންގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާފައވެ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި 3،316 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ޖުމްލަ ހަ ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ވޯޓު ފޮށިތައް ބަހައްޓާނީ ކޮމަންޑޫ، މަރޮށި، ފޯކައިދޫ އަދި މާލޭގަ އެވެ.