ގާސިމް އިބްރާހިމް

ގާސިމުގެ ކެންޑިޑެސީ ބަލައިގެންފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ގާސިމްގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި، ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން، ގާސިމް ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ކަމުގައި ބަލައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. ގާސިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ޖޭޕީއަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.