ލައިފްސްޓައިލް

\

އިންޑިޔާގެ ޓެމިލް ނާޑޫގައި ދާދިފަހުން އޮތް ކައިވެނީގެ ރަސްމިއްޔާތެއްގައި ކައިވެނިކުރަން ހަމަޖެހިފައިވާ ދެ މީހުން ކުރެ ފިރިހެން މީހާ ރުޅިއައިސް ކައިވެނި ކުރަން ދެކޮޅު ހެދުމުން އަންހެންމީހާ އޭނާގެ ދެބެންގެ ދެދަރި މީހަކާ ކައިވެނި ކޮށްފި އެވެ. މި ކައިވެނި ކުރުމުގެ ކުރިން ދެ މީހުން ވަނީ އެކަކު އަނެކަކުގެ މޫނުގައި ވެސް އެތިފަހަރެއް ޖަހާފަ އެވެ.

ކުއްޑަލޯރު ޑިސްޓްރިކްޓްގެ ޕަންރޫތީ ކިޔާ ރަށެއްގެ ވެޑިން ޕްރައިވެޓް ހޯލެއްގައި މިމަހުގެ 20 ވަނަ ދުވަހު އޮތް މި ކައިވެނީގެ ހަފުލާއަކީ އެ ހިސާބުގަނޑުގައި ވަރަށް މަޝްހޫރު މަހުޖަނެއްގެ އަންހެންދަރިއެއްގެ ކައިވެނީގެ ރަސްމިއްޔާތެވެ.

ކައިވެނިކުރުމަށް މި ހޯލަށް އަންހެންމީހާ އާއި އޭނާގެ އާއިލާގެ މީހުންނާއެކު އައީ މަގުމަތީގައި ނަށަމުންނެވެ. ނަމަވެސް އަންހެންމީހާ މިގޮތަށް ނަށަމުން އައުން އޭނާ ކައިވެނި ކުރަން އުޅޭ ފިރިހެންމީހާ އަކަށް ހިތްހަމައެއް ނުޖެހުނެވެ. އަދި ދެ މީހުން ވަގުތުން ޒުވާބު ކުރަން ފެށި އެވެ. އެންމެ ފަހުން ޒުވާބު ހޫނުވެ އަންހެންމީހާގެ މޫނުމަތީގައި ފިރިހެންމީހާ ޖެހީ އެވެ. އަންހެންމީހާ ވެސް ބަލާކަށް ނުހުރެ ފިރިހެންމީހާ މޫނުމަތީގައި ޖެހި އެވެ.

އޭނާގެ ދަރިފުޅުގެ މޫނުގައި ފިރިހެންމީހާ ޖެހި މަންޒަރު ފެނުމުން އަންހެންމީހާގެ ބައްޕަ އައި ރުޅިން ކައިވެނި ކުރިޔަށް ނުގެންދަން ނިންމީ އެވެ. ކައިވެނީގެ ކުރިން އަތް އިސްކުރާ މީހަކު އަދި ފަހުން ކިހާ ވަރެއް ކޮށްލާނެހޭ އަންހެންމީހާގެ ބައްޕަ ބުންޏެވެ. އަދި ވަގުތުން ފިރިހެންމީހާ އާއި އޭނާގެ ތިމާގެ މީހުން އެތަނުން ދިއުމަށް އެންގި އެވެ. އެކަހަލަ މީހަކު ދަނބިދަރިއެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށް ބުނެފަ އެވެ.

ވަގުތުން އަންހެންމީހާގެ ބައްޕަ އޭނާގެ އާއިލާގެ މީހުންނާ މަޝްވަރާކޮށް އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާ އަންހެންމީހާގެ ކައިވެނި ހަމަ އެ ދުވަހު ވަނީ ކޮށްދީފަ އެވެ.